ޚަބަރު
އެމްޑީޕީގެ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަލުން ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީގެ ވެރިކަމުގައި ވިއްކާލާފައިވާ ރާއްޖޭގެ މުވާސަލާތީ މައި ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ކުންފުނި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތަ (މެޖޯރިޓީ ހިއްސާ) އަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ދިރާގަކީ މީގެކުރިން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް، ރައްޔިތުންގެ މުހިންމު ހަރުމުދަލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ކުންފުނީގެ ހިއްސާ ވިއްކާލާފައިވާ ކަމަށެވެ. އަދި ދިރާގުގެ ކޮންޓްރޯލް އަލުން އަނބުރާ ސަރުކާރަށް ހޯދުމަކީ ދިވެހި އިޤްތިޞާދު ފުޅާކޮށް، ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްލާފައި، ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑު ކުރުމަކީ ރައްޔިތުންގެ ވެއާ ލާބައަށްޓަކައި އަދި އިގްތިސާދު ފުޅާ ކުރުމަށްޓަކައި، އަދި ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،".
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިރާގުގެ އިތުރުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައިވާ 20 އިންސައްތަ ހިއްސާ އަނބުރާ ގަތުމުގެ މަސައްކަތްވެސް ސަރުކާރުން ފަށާފައިވާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އެމްޑަބްލިއުއެސްސީއަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އިދާރީ ކަންކަމާއި ގާނޫނީ ކަންތައްތަކާއި މާލީ ކަންކަމާއި، ދެން މިހެން ގޮސް ހުރިހާ ކަމެއް ހިމެނޭ ގޮތަށް މަސައްކަތް ކުރިއަށް ދާނެ،".
ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މި ދެ ކުންފުނީގެ ހިއްސާ ހޯދުމަށްޓަކައި ކުރަންޖެހޭ އިދާރީ، ޤާނޫނީ އަދި މާލީ އެންމެހައި ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މާތް ﷲ ގެ ވާގިފުޅާއެކު، ވަރަށް އޮމާންކަމާއި ކާމިޔާބީއާއެކު މި މަސައްކަތް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ސްމޫތްކޮށް، ވަރަށް ކާމިޔާބުކަމާއި އެކީގައި މި ދެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ،".
ރައީސް ވިދާޅުވިއެވެ.