ކުޅިވަރު
ދިވެހި ލީގު މާދަމާ ފަށާއިރު އަތޮޅުތެރޭގައި ވެސް ބައެއް މެޗުތައް ކުޅޭނެ
ދިއްދޫ ސްޕޯޓްސްގެ ކުޅުންތެރިއަކު ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އިމޭޖަސް އެމްވީ
މާދަމާއަކީ ދިވެހި ފުޓުބޯޅައަށް ތާރީޙީ ދުވަހެކެވެ. އެގޮތުން މި ފަހަރުގެ ސީޒަނުގެ ދިވެހި ލީގުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ތާރީޚީ ބަދަލަކީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ދަނޑުތަކުގައި މެޗުތައް ކުޅުމެވެ.
މި ބަދަލާއެކު ތާރީޚީ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ. މި މެޗުގައި ބައްދަލުކުރާނީ އެ ރަށުގެ ގައްދޫ ސްޕޯޓްސް ކުލަބާއި ރާއްޖޭގެ މަޝްހޫރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިވެހި ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅުތެރޭގެ ޓީމުތަކަށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައި ވެވޭވެ ފުރުސަތު ހުޅުވާލާފައެވެ. އަތޮޅުތެރޭގައި މެޗުތައް ކުޅުމަށް ހަމަޖެހުނީ މި ބަދަލުތަކުގެ ތެރެއިންނެވެ.
ގައްދޫގެ އިތުރުން ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކެއް ހއ. ދިއްދޫގައިވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގައްދޫ އާއި ދިއްދޫ އަކީ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވި ދެ ޓީމެވެ.
ފުޓުބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެވޭނެއެވެ. އެގޮތުން އެޓޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމުތަކުގެ މެދުގައި ޒޯން ބުރެއް ބޭއްވުމަށްފަހު، ރީޖަނަލް ކޮލިފިކޭޝަން ކުޅެ، މާލޭގައި ބޭއްވި ދިވެހި ލީގު ކޮލިފައިންގައި ވާދަކޮށްގެން ގައްދޫ އާއި ދިއްދޫ ވަނީ މި ސީޒަނުގެ ލީގުން ޖާގަ ކަށަވަރުކޮށްފައެވެ.
މިފަހަރުގެ ދިވެހި ލީގުގައި ކުރިއާ ޚިލާފަށް، އިތުރު ދެ ޓީމާއެކު ޖުމްލަ 10 ޓީމު ވާދަކުރާނެއެވެ. ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ރަނަރަޕް އޮޑި ސްޕޯޓްސް ކުލަބު، ތިންވަނަ ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބު ހިމެނެއެވެ. މީގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު އަދި ކްލަބް އީގަލްސް ވެސް މި ސީޒަނުގައި ވާދަކުރެއެވެ.
މި ސީޒަނުގެ ލީގުގައި އަލަށް ވާދަކުރާ ޓީމުތަކަކީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ލީގު ކޮލިފައިން ކާމިޔާބުކުރި ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން، އުތުރުގެ ޗެމްޕިއަން ދިއްދޫ އަދި ދެކުނުގެ ޗެމްޕިއަން ގައްދޫއެވެ. މިއާއެކު މިފަހަރުގެ ލީގު ވެގެންދާނީ ފޯރިގަދަ އަދި މުޅި ރާއްޖެއަށް ފުޓުބޯޅައިގެ ޖޯޝު ގެނެސްދޭނެ ސީޒަނަކަށެވެ.