ވިޔަފާރި
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
ފިނޭންސް މިނިސްޓްރީ / ފޮޓޯ: ޕީއެސްއެމް ނިއުސް
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 28.73 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 27.04 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 8.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ފާއިތުވެދިޔަ މުއްދަތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) އަދި އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.46 ބިލިޔަން ރުފިޔާއިން 7.71 ބިލިޔަން ރުފިޔާއަށް (3.3 އިންސައްތަ) އިތުރުވެފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2.06 ބިލިޔަން ރުފިޔާއިން 2.35 ބިލިޔަން ރުފިޔާއަށް (14.1 އިންސައްތަ) އިތުރުވެފައެވެ.
އާމްދަނީ ލިބުނު އެހެނިހެން ދާއިރާތަކަށް ބަލާއިރު:
- ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް: 4.65 ބިލިޔަން ރުފިޔާއިން 5.60 ބިލިއަން ރުފިޔާއަށް (20.4 އިންސައްތަ އިތުރު)
- އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ): 3.53 ބިލިޔަން ރުފިޔާއިން 3.68 ބިލިޔަން ރުފިޔާއަށް (3.6 އިންސައްތަ އިތުރު)
- ގްރީން ޓެކްސް: 1.48 ބިލިޔަން ރުފިޔާއިން 1.51 ބިލިޔަން ރުފިޔާއަށް (1.9 އިންސައްތަ އިތުރު)
އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ޖުމްލަ ޚަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 26.38 ބިލިޔަން ރުފިޔާއިން 30.86 ބިލިޔަން ރުފިޔާއަށް، ނުވަތަ 17 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 18.6 އިންސައްތަ އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 6.9 އިންސައްތަ އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް 4.92 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވި 4.31 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 14.2 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން، ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީއާއި ހިލޭ އެހީ ޚަރަދަށްވުރެ އިތުރުވި މިންވަރު ނުވަތަ ޕްރައިމަރީ ސާޕްލަސް ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ ވޭތުވެދިޔަ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު 68.6 އިންސައްތަ ދަށް އަދަދެކެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން ޖުމްލަ ބަޖެޓުން މިހާރު ދައްކަނީ 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.