ކުޅިވަރު

މާޒިޔާއިން އޮޑި ބަލިކޮށް ލީގު ދިފާއު ކުރުމުގެ މަސައްކަތް ފެށީ ވަރުގަދަކޮށް

މާޒިޔާއިން އޮޑި ބަލިކޮށް ލީގު ދިފާއު ކުރުމުގެ މަސައްކަތް ފެށީ ވަރުގަދަކޮށް

މާޒިޔާއިން ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ސެޕްޓެމްބަރު 2026، 04:41

11 ސެޕްޓެމްބަރު 2026، 04:41

ދިވެހި ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގު ތަށި ދިފާއުކުރުމަށް އުއްމީދީ ދަތުރެއް ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ އަދި ވާދަވެރި މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މާޒިޔާއަށް ލިބުނު ޕެނަލްޓީއަކުން 12 ވަނަ މިނެޓުގައި ބެންޖަމިން ކޫކޫ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މާޒިޔާގެ އަބްދުﷲ ލޫތުއަށް، އޮޑި ސްޕޯޓްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ) ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ކޫކޫއަކީ މާޒިޔާގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިއެއް ނޫނެވެ. އޭނާ ކުޅެން ނިކުތީ މެޗުގެ 10 ވަނަ މިނެޓުގައި މާޒިޔާގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު އިލާން އިބްރާހިމްގެ ކަކުލަށް އަނިޔާވެގެންނެވެ. 

ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ދަނޑުން ކަރަންޓު ކެނޑުމާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނެވެ. މި މައްސަލަ ހައްލުވެ، އަލުން ކުޅުން ފެށުނީ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ފަހުންނެވެ.

އޮޑި ސްޕޯޓްސްގެ މުޒްދާން ހަސަން ބޯޅަ ހިފައިގެން ދިއުމަށް މަސައްކަތް ކުރަނީ / ފޮޓޯ: އެފްއޭއެމް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮޑި ސްޕޯޓްސްގެ އަބްދުﷲ ޖުނައިދުއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ މާޒިޔާގެ ކޮޑްޖޯ ގޮމޭސް ކުރި ފައުލަކާ ގުޅިގެން ހިތްހަމަނުޖެހި، ކުޅުމުގެ ބޭރުން އޭނާއަށް ފައުލް ކުރުމާ ގުޅިގެންނެވެ.

މިފަހަރުގެ ދިވެހި ލީގުގައި ކުރިއާ ޚިލާފަށް، އިތުރު ދެ ޓީމާއެކު ޖުމްލަ 10 ޓީމު ވާދަކުރާނެއެވެ. ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ރަނަރަޕް އޮޑި ސްޕޯޓްސް ކުލަބު، ތިންވަނަ ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބު ހިމެނެއެވެ. މީގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު އަދި ކްލަބް އީގަލްސް ވެސް މި ސީޒަނުގައި ވާދަކުރެއެވެ.

މި ސީޒަނުގެ ލީގުގައި އަލަށް ވާދަކުރާ ޓީމުތަކަކީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ލީގު ކޮލިފައިން ކާމިޔާބުކުރި ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން، އުތުރުގެ ޗެމްޕިއަން ދިއްދޫ އަދި ދެކުނުގެ ޗެމްޕިއަން ގައްދޫއެވެ. މިއާއެކު މިފަހަރުގެ ލީގު ވެގެންދާނީ ފޯރިގަދަ އަދި މުޅި ރާއްޖެއަށް ފުޓުބޯޅައިގެ ޖޯޝު ގެނެސްދޭނެ ސީޒަނަކަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450