ކުޅިވަރު / ޚަބަރު
ފީފާގެ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑުކޮށް 1 މިލިއަން ޑޮލަރުން ބައްސާމް ޖޫރިމަނާކޮށްފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް / ފޮޓޯ: އެޓޯލް ޓައިމްސް
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން މުޅި އުމުރަށް ސަސްޕެންޑުކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
ބައްސާމްއާ މެދު މި ފިޔަވަޅު އަޅާފައިވާކަން ހާމަކޮށް ހުކުރު ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގެ ފުޓްބޯޅައަށް ދިން ކޮވިޑް ރިލީފް ފަންޑުގެ ފައިސާ އޭނާގެ އަމިއްލަ މަންފާއަށް ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑް ކުރުމާއެކު، 1 މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާކޮށްފައެވެ. ބައްސާމްގެ މައްޗަށް ކުރެވުނު މި ތުހުމަތުތައް ތަހުގީގުކުރުމަށްޓަކައި މީގެކުރިން ފީފާއިން ވަނީ އޭނާ ވަގުތީ ގޮތުން ވެސް ސަސްޕެންޑްކޮށްފައެވެ.
މީގެއިތުރުން، މި ޚިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް މުހައްމަދު އަގީލްއާ މެދު ވެސް ފީފާއިން ވަނީ ހަރުކަށި ފިޔަވަޅު އަޅާފައެވެ. އެގޮތުން އަގީލް ފުޓްބޯޅައިގެ ހަރަކާތްތަކުން 10 އަހަރު ދުވަހަށް ސަސްޕެންޑްކޮށް، 100،000 ސްވިސް ފްރޭންކް (122،000 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަގީލްގެ މައްޗަށް މި ފިޔަވަޅު އެޅީ، ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.
ކޮވިޑް-19 ގެ ހާލަތުގައި ކްލަބްތަކަށް ދިމާވި މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފީފާއިން އެފްއޭއެމްއަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމް މިވަގުތު ވެސް ގެންދަވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މީގެއިތުރުން ވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އެހެނިހެން ގިނަ މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި ބައްސާމާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.