ޚަބަރު
އިސްލާމްދީން ދިވެހިންގެ އަބުރަށް ދިން ރައްކާތެރިކަމުން އުފެދުނު އިޖުތިމާއީ ހައިބަތު ދުނިޔެއަށް ފެނުނު: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
އިސްލާމްދީނުގެ ހިދާޔަތާއެކު ދިވެހިންގެ އަބުރާއި އިއްޒަތަށް ލިބުނު ރައްކާތެރިކަމުގެ ސަބަބުން އުފެދުނު އިޖުތިމާއީ މަތިވެރި ހައިބަތު ބޭރު ދުނިޔެއަށް ސާބިތުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންސާނެއްގެ އުފާވެރިކަމުގެ އެންމެ މުހިންމު އަސާސަކީ އަބުރާއި ކަރާމާތްކަން ފާހަގަކުރެއްވިއެވެ. އިސްލާމްދީނުގައި އިންސާނާއަކީ އެންމެ މާތް މަޚްލޫޤު ކަމުގައި ކަނޑައަޅައި، އޭނާގެ ޝަރަފަށް އުނިކަން އަންނާނެ އެންމެހައި ކަންކަން ނަހީކުރައްވާފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިގޮތުން، އެންމެ ހެޔޮ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހާ ކަމުގައި ކީރިތި ރަސޫލާގެ އިރުޝާދުގައިވާކަން ރައީސް ހަނދާންކޮށްދެއްވިއެވެ.
"އަޅުގަނޑުމެންގެ ތާރީޚަށް ބަލާއިރު، އަޅުގަނޑުމެން ދިވެހީނަކީ އަބުރުވެރިކަމާއެކު ދިރިއުޅެމުން އައިބައެއް. އަޅުގަނޑުމެން އިންސާނީ ކަރާމާތް ދެމެހެއްޓީމު. އެކަމުން އުފެދުނު އިޖުތިމާޢީ ހައިބަތު ބޭރުގެ ފަރާތްތަކަށް ދެއްކީމު. އަޅުގަނޑުމެން ނަފުސުގެ މުރުއްވަތްތެރިކަން އަށަގަންނަވާ ގޮތް. ކުޑަކުދީންގެ ކަރާމަތް ދަމަހައްޓާ ގޮތް. ދޭދޭ ރަޙްމަތްތެރީންނާއި ވެރީންނާއި އާންމުންގެ މެދުގައި މި ސިފަތައް އެކަށައެޅިފައި އޮންނަ ގޮތް. އޭގެ ނަތީޖާއަކީ ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ މުޖުތަމަޢެއްކަމުގައިވުން.،"
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ތާރީޚުން ފެންނަން އޮތީ އެކަކު އަނެކަކަށް އިތުބާރުކުރާ، ކުޑަކުދިންނާއި ވެރިންނާއި އާންމުންގެ މެދުގައި މުރުއްވަތްތެރިކަން ދެމެހެއްޓި އަބުރުވެރި މުޖުތަމައެކެވެ. މީގެ 900 އަހަރު ކުރިން އިސްލާމްދީން ގެނެސްދިން މި އިންގިލާބީ ބަދަލުގެ ސަބަބުން، ދިވެހިންގެ އެވޭލާ މިސްކިތްތަކާއި، އޮޑިދޯނިފަހަރު ބަނުމުގެ ފަންނުވެރިކަމާއި، ބޭރު ދުނިޔެއާ އެކު ކުރި ވިޔަފާރިތަކުގައި ދިވެހިންނަށް ތައުރީފާއި އިހުތިރާމު ލިބިގެންދިޔައީ މި ހަމަޖެހުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މީގެއިތުރުން، އިސްލާމްދީނުގެ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެތި ހަރާމްކުރައްވާފައިވަނީ އޭގެ ސަބަބުން މުޅި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓޭތީ ކަމަށް ވިދާޅުވިއެވެ. ސައިންސްގެ ހޯދުންތަކުން ވެސް މަސްތުވާތަކެތީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުމާއި، ދެވިހިފުމުގެ ސަބަބުން އިންސާނާގެ ވިސްނުމާއި ނަފްސާނީ ދުޅަހެޔޮކަން ގެއްލި، ވައްކަމާއި ފޭރުން ފަދަ ބޮޑެތި ޖަރީމާތަކަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިސްލާމްދީން ބުއްދިއަށް ދޭ ރައްކާތެރިކަމަކީ މުސްލިމުންނަކީ އީޖާދީ، ވިސްނުންތެރި އަދި މުރާލި ބަޔަކަށް ހަދައިދޭ މައިގަނޑު ސަބަބު ކަމުގައިވެސް ވިދާޅުވިއެވެ.
"މަސްތުވާ އެއްޗެއް ބޭނުންކުރީމާ މީހަކު މަސްތުވަނީ އޭނާގެ ސިކުނޑީގައި ހިނގާ މާއްދީ ޙަރަކާތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އަދި އެ ހަރަކާތްތަކާއި އެކަމުން އުފެދުނު ކެމިކަލްތައް އޭނާ ވައްޓާލާ ވަކި ހާލަތްތަކެއް ހުރޭ. އޭގެ ސަބަބުން އަޅުގަނޑުމެން މި ކިޔާ ދެވިހިފުމާ ހިސާބަށް އޭނާ ދަތުރުކުރޭ.،"
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، އިސްލާމްދީނުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ރޫހާނީ ރައްކާތެރިކަމާއި އިޖުތިމާއީ ހަމަޖެހުމުގައި ދެމިތިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމީ އަދި ދީނީ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުންނެވެ.