ކުޅިވަރު
ދިއްދޫއިން ދިވެހި ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ތާރީހީ މޮޅެއް ހޯދައިފި
ދިއްދޫގެ ޓެޓޭ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
އެފްއޭއެމް އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕަށް ފަހު ޒޯން ބުރާއި ރީޖަނަލް ލީގު ކާމިޔާބުކޮށް، ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވި ދިއްދޫ ސްޕޯޓްސް ކްލަބުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ތާރީހީ މޮޅެއް ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ދިއްދޫ ސްޕޯޓްސް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގުގައި ދިއްދޫ ސްޕޯޓްސް ހޯދި ފުރަތަމަ މޮޅެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ދިއްދޫގެ ބިދޭސީ މިޑްފީލްޑަރު ޗިއާ ފީލިކްސް ދިން މިސް ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި މުޅިން ހުސްކޮށް ގޮސް އޭރިއާ ތެރެއަށް ވަދެ ބުރު ސްޕޯޓްސްގެ ބިދޭސީ ފޯވާޑް އެޑުއާޑޯ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ދިއްދޫގެ ކީޕަރާ ދިމާލަށެވެ. ކީޕަރު މުޙައްމަދު ޝިފާން ވަނީ ފަސޭހަކަމާއެކު މި ހަމަލާ ދިފާއުކޮށްފައެވެ. އޭގެފަހުން މެޗުގެ އަށްވަނަ މިނެޓުގައި ބުރުގެ ފޯވާޑް އަލީ ހަމްދާން ފޮނުވާލި ރީތި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދިއްދޫގެ ފުރަތަމަ ފުރުސަތު ލިބުނީ ބިދޭސީ ފޯވާޑް ޓެޓޭ ގިޑެއޯންއަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލަށް އަމާޒުނުކުރެވިފައެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ކާމިޔާބުކޮށްދިނީ ޓެޓޭއެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ދެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެންމެ ފާހަގަކޮށްލެވެނީ ބުރު ސްޕޯޓްސްގެ އެޑުއާޑޯއަށް، ހުސް ގޯލަށް ފޮނުވާލުމަށް ލިބުނު ފުރުސަތެވެ. ނަމަވެސް، ފޮނުވާލުން ލަސްވުމުގެ ފައިދާ ނަގައި ދިއްދޫގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު އެ ބޯޅައަށް ހުރަސްއަޅައި ދިފާއުކޮށްފައެވެ.
ދިއްދޫގެ ޒުވާން ފޯވާޑް މުހައްމަދު ޝަނާއު / ފޮޓޯ: އެފްއޭއެމް
މެޗުގެ ފަހުކޮޅުގައި ދިއްދޫގެ ހުސެއިން ޒިމްޔާންއަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ހުއްޓުވުމަށް ބުރު ސްޕޯޓްސްގެ ޝަމްވީލް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޝަމްވީލަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މި މެޗުގައި ބުރު ސްޕޯޓްސްގެ ހަމަލާތައް ދިފާއު ކުރުމަށް ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ލީގުގައި ދިއްދޫ ސްޕޯޓްސް ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނަން ޖެހޭނީ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވިކްޓްރީން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 1-5 ގެ ބޮޑު ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. އަދި ބުރު ސްޕޯޓްސް ކްލަބުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު އެ ޓީމު ބައްދަލުކުރާނީ އެންމެ ފަހުގެ ލީގު ރަނަރަޕް، އޮޑި ސްޕޯޓްސް ކްލަބާއެވެ.