ކުޅިވަރު

ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލްއިން ބާސެލޯނާއާ ހަމަކޮށްފި

ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލްއިން ބާސެލޯނާއާ ހަމަކޮށްފި

އެމްބައްޕޭ ބޯޅަ ފޮނުވާލަނީ---

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2026، 03:40

13 ސެޕްޓެމްބަރު 2026، 03:40

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި، ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ރެއާލް މެޑްރިޑުން ހަމަކޮށްފިއެވެ.

ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްއިން ވަނީ މީގެ 8 ދުވަސް ކުރިން ރެއާލް ބެޓިސްއާ ބައްދަލުކުރި މެޗުން ބަލިވުމުން އެކަން ތަކުރާރު ނުކުރުމަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މި މޮޅާއެކު ރެއާލް މި ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ 35 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި އަލްވާރޯ ކަރޭރަސްއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ނަގައިދިނީ ކީލިއަން އެމްބައްޕޭއެވެ. އޭގެ ތިން މިނެޓު ފަހުން، އެމްބައްޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކަރޭރަސް ވަނީ ލަނޑެއް ޖަހައި ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، ވިނީޝިއަސް ޖޫނިއާ ދިން ރީތި ޕާހަކުން ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއެވެ. މި ހާފު ނިމުމުގެ ކުރިން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސާޖިއޯ ކަމެލޯ ވަނީ ރަޔޯ ވަޔެކާނޯއަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމްބައްޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލްއަށް 3 ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މިއީ އަމިއްލަ ދަނޑުގައި ވަޔެކާނޯއާ ދެކޮޅަށް ރެއާލް ކުޅުނު ފަހު 15 މެޗުގެ ތެރެއިން އެ ޓީމު މޮޅުވި 14 ވަނަ މެޗެވެ.

މި މޮޅާއެކު ރެއާލްއިން ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރި ނަމަވެސް، އާދީއްތަ ދުވަހު ލެވާންޓޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަނެއްކާވެސް ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450