ކުޅިވަރު

ފަހު މެޗުގައި ކޮނޑޭ ބަލިކޮށް ވިލިނގިލިން ގާފު އަލިފުގެ ފައިނަލަށް

ފަހު މެޗުގައި ކޮނޑޭ ބަލިކޮށް ވިލިނގިލިން ގާފު އަލިފުގެ ފައިނަލަށް

ވިލިނގިއްޔާއި ކޮންޑޭގެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ދެއްވަދޫ ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ސެޕްޓެމްބަރު 2026، 10:28

14 ސެޕްޓެމްބަރު 2026، 10:28

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ގއ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ 4-1 ގެ ނަތީޖާއަކުން ކޮނޑޭ ބަލިކޮށް، ވިލިނގިލި މަރަޓާ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފަހު މެޗާ ކުރިމަތިލީއިރު ވިލިނގިއްޔަށް އޮތީ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން ގްރޫޕުގެ ދެވަނައިގައި އޮތް ގެމަނަފުށްޓަށް 4 ޕޮއިންޓާއި ފައިދާ އެއް ގޯލު އޮތްއިރު، ވިލިނގިއްޔަށް ލިބިފައި އޮތީ އެންމެ ޕޮއިންޓަކާއި ގެއްލުން އެއް ގޯލެވެ. ނަމަވެސް، އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ގްރޫޕުގެ އެއްވަނައިގައި އޮތް ދެއްވަދޫ އަތުން 4-3 އިން ގެމަނަފުށި ބަލިވުމުން ވިލިނގިއްޔަށް ފައިނަލުގެ އުންމީދު އާވިއެވެ. އެ މެޗުގައި ގެމަނަފުށީ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ދެ ލަނޑު ވަނުމަކީ އެ ޓީމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ސަބަބޭ ބުނެވިދާނެއެވެ. މި ނަތީޖާއާއެކު، ފައިނަލަށް ދިއުމަށް ވިލިނގިއްޔަށް ބޭނުންވީ ކޮނޑޭ އަތުން ދެ ގޯލުގެ ތަފާތަކުން މޮޅުވުމެވެ.

ފައިނަލުގެ އުއްމީދުގައި ނިކުމެ ވިލިނގިލިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އައުޝަމް ރަޝީދު ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު އިންޝާއު އަޙްމަދު ވަނީ ލަނޑެއް ޖަހައި ކޮނޑޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ވިލިނގިލިން އެ ޓީމުގެ ރޭވުންތައް ކާމިޔާބުކުރިއެވެ. އެ ހާފުގައި އަފްރާދު ޙަސަން ލަނޑެއް ޖަހައި އަލުން ވިލިނގިއްޔަށް ލީޑު ނަގައިދިންއިރު، އޭގެ ފަހުން ޙުސައިން މިފްރާޙް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އަދި ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށް ވިލިނގިލިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ޝަޒްމީން މުޙައްމަދު ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީ، 4-1 އިން މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު ވިލިނގިލިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. 

ގއ. އަތޮޅުގެ ޗެމްޕިއަން ޝީލްޑަށް ވާދަކުރާ ފައިނަލް މެޗުގައި ސެޕްޓެމްބަރު 16 ވާ ހޯމަ ދުވަހު ވިލިނގިލި ނުކުންނާނީ ވަރުގަދަ ދެއްވަދޫއާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450