ޚަބަރު
ދެ ގައުމުގެ ރައްޔިތުންގެ ގާތްކަމަކީ ރާއްޖެ-މެލޭޝިއާ ގުޅުމުގެ ހަގީގީ ބިންގާ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރި އަދި ޒަމާންވީ ގުޅުމުގެ މައިބަދައަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި އެކުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި މިއަދު މާލޭގައި ބޭއްވެވި ރަސްމީ މެންދުރުގެ ފަރީއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖާފަތުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ސިޔާސީ ގުޅުން 1968 ވަނަ އަހަރު ގާއިމުކުރެވުނު ކަމުގައި ވިޔަސް، މި ގުޅުމަކީ ހަމައެކަނި ސޮއިކުރެވިފައިވާ ރަސްމީ އެއްބަސްވުންތަކަކުން ފެންނަ މިންވަރަށް ވުރެ މާ ފުން ގުޅުމެކެވެ. އެގޮތުން، މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ އަދި ކުރި ދިވެހި ދަރިވަރުންނާއި، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި، ދަތުރުފަތުރުކުރާ އާންމު ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ މި އެކުވެރިކަމުގެ އަސްލު ބިންގާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ބިނާކުރެވޭ އެންމެ ވަރުގަދަ އަދި ދެމެހެއްޓެނިވި ފާލަމަކީ ކޮންކްރީޓުން ނުވަތަ ދަގަނޑުން ހަދާ އެއްޗެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ވިސްނުމާއި ތަޖުރިބާތަކުގެ މައްޗަށް ބިނާވެފައިވާ އިހުލާސްތެރި އެކުވެރިކަމުގެ ފާލަންތައް ކަމަށެވެ.
"ދެ ގައުމެއްގެ ދެމެދުގައި އެޅޭ އެންމެ ވަރުގަދަ ފާލަމަކީ ކޮންކްރީޓުން ނުވަތަ ދަގަނޑުން ބިނާކުރާ ފާލަންތަކެއް ނޫން. އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެ ވިސްނުމާއި، ތަޖުރިބާތަކާއި އަދި އުފެދިފައިވާ އެކުވެރިކަމުގެ މައްޗަށް ބިނާވާ ފާލަންތައް."
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިގުތިސާދީ ގޮތުން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް މެލޭޝިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ކަރަންސީ ސްވަޕް" ފެސިލިޓީއެއް ދިނުމަށް މެލޭޝިއާއިން ވިސްނަމުންދާތީއާއި، ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް (ޕީޓީއޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ އާއިލާތަކަށް މެލޭޝިއާގެ ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް އެ ގައުމުން ނިންމި ނިންމުމަށާއި، ރާއްޖޭގެ ކަނޑުގެ އަޑީގެ މައުދަންތައް ދެނެގަތުމަށް މެލޭޝިއާގެ މަޝްހޫރު ކުންފުނި 'ޕެޓްރޯނަސް' އަށް ރާއްޖެއިން ދައުވަތު ދިނުމުން އެކަމަށް ދެއްވި އެއްބާރުލުމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ޒަމާނީ ޓެކްނޮލޮޖީއާއި، ޑިޖިޓަލް ދާއިރާގެ އިތުރުން ތިމާވެށީގެ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށްޓަކައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.