ކުޅިވަރު

އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލީޓުން ޖަޕާނަށް ފުރައިފި

އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލީޓުން ޖަޕާނަށް ފުރައިފި

އޭޝިއަން ގޭމްސްއަށް ދިވެހި އެތުލީޓުން ފުރުން / ފޮޓޯ: އެމްއޯސީ

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2026، 10:05

15 ސެޕްޓެމްބަރު 2026، 10:05

މި އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޤައުމީ އެތުލީޓުންނާއި އޮފިޝަލުން މުބާރާތުގައި ވާދަކުރުމަށްޓަކައި ޖަޕާނަށް ފުރައިފިއެވެ.

މިއަދު ހެނދުނު ރާއްޖެއިން ފުރާފައިވާ ވަފުދުގައި ހިމެނެނީ ޓޭބަލް ޓެނިސް (ޓީޓީ)، ޝޫޓިން އަދި ބީޗް ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ މަޢުލޫމާތާއި ދިވެހި އެތުލީޓުންގެ ޚަބަރުތައް ވަގުތުން ގެނެސްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކަނޑައަޅާފައިވާ މީޑިއާ ޓީމުވެސް ވަނީ މިއަދު ފުރި ވަފުދާއެކު ދަތުރު ފަށާފައެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގެ ޚާއްޞަ އެއް ކަމަކީ، ގޭމްސްގެ ތާރީޚުގައި އަލަށް ސާފިން ހިމެނުމެވެ. މި ތާރީޚީ އިވެންޓުގައި ވާދަކުރުމަށް ރާއްޖޭގެ ސާފިން ޓީމު މިދިޔަ ހަފުތާގައި ވަނީ ޖަޕާނަށް ގޮސް ތަމްރީނުތައް ފަށާފައެވެ. ސާފިންގައި ރާއްޖެއިން ވާދަކުރާ 4 އެތުލީޓުންނަކީ ކަޔާން ޢަބްދުﷲ ޢަރީފް (ކައިޕުޓީ)، ޔާސިން އަޙްމަދު ނާޝިދު، މަރިޔަމް ރާހިލް ނަސީމް (އާޔާ) އަދި އާމިނަތު ތާނީސް ޝިރަންއެވެ. މި ޓީމާއެކު ޤައުމީ ސާފިން ކޯޗު ހުސައިން އަރީފް (އިބޫ) އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ނައިބު ރައީސް ޝާހިދު އަމީން ވެސް ޖަޕާނުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ 8 ކުޅުންތެރިން ވާދަކުރާއިރު، އޭގެ ތެރެއިން ބޭރު ޤައުމުތަކުގައި ތަމްރީނު ހަދަމުންދާ 3 ކުޅުންތެރިއަކު ޓީމާ ގުޅޭނީ ސީދާ ޖަޕާނުންނެވެ. އެއީ މެލޭޝިއާ މަގުން ދަތުރުކުރާ ރާއްޖޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ އާއި އަޚްޔާރު އަޙްމަދު ޚާލިދުގެ އިތުރުން، އިނގިރޭސިވިލާތުން ދަތުރުކުރާ އައިޝަތު ރަފާ ނާޒިމެވެ. ޖަޕާނަށް ދިޔަ ޝޫޓިން ޓީމުގައި 12 އެތުލީޓުން ހިމެނޭއިރު، ބީޗް ވޮލީބޯޅައިން ވާދަކުރަނީ ރާއްޖޭގެ އެއްވަނަ ފިރިހެން ޕެއާ ކަމަށްވާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި އަންހެން ޕެއާ ކަމަށްވާ އާމިނަތު އަރީޝާ އާއި ފާތިމަތު އަނާލެވެ.

މުޅި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންއަކީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސް އަދި އެމްއޯސީގެ ހިންގާ ކޮމިޓީގެ މެންބަރު އަޙްމަދު ނާސިފެވެ. މުބާރާތުގެ އިދާރީ އެންމެހައި އިންތިޒާމުތައް ފުރިހަމަކުރުމަށް އެމްއޯސީގެ ޑިރެކްޓަރ ޖެނެރަލް ޖައުޝަން ޝަރީފް އާއި ގޭމްސް އެގްޒެކެޓިވް މަރިޔަމް ޝައުފާ ހިމެނޭ އެޑްވާންސް ޓީމު ވަނީ މީގެ ކުރިން ޖަޕާނަށް ގޮސް މަސައްކަތްތައް ފަށާފައެވެ.

އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތައް ހާސް އެތުލީޓުންނަކާއެކު މި މަހުގެ 19 އިން އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ކުޅިވަރުތައް އައިޗީގެ 24 ސްޓޭޑިއަމަކާއި، ނަގޯޔާގެ 15 ސްޓޭޑިއަމް ހިމެނޭހެން ޖުމްލަ 39 ސްޓޭޑިއަމެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޭމްސްގައި ރާއްޖެއިން ވާދަކުރާ 7 ކުޅިވަރަކީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައެވެ. މި ހުރިހާ ކުޅިވަރުތަކާއެކު ރާއްޖޭގެ ވަފުދުގައި ޖުމްލަ 81 މެންބަރުން ހިމެނެއެވެ.

މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިފައިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ޝޫޓިންއިން ރިހި މެޑެއްޔެއް ހޯދައިދީފައިވާ އުއްމީދީ ތަރި މަރިޔަމް އީޝަލް މިސްބާހު އާއި ޤައުމީ ޓީޓީ ތަރި މޫސާ މުންސިފް އަޙްމަދަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450