Ads by Farudhun

ޚަބަރު

އިތުރު އެޖެންޑާއެއް ނެތް، އޮތީ ހަމައެކަނި ޤައުމީ އެޖެންޑާއެއް: ރައީސް

އިތުރު އެޖެންޑާއެއް ނެތް، އޮތީ ހަމައެކަނި ޤައުމީ އެޖެންޑާއެއް: ރައީސް

ޕީއެންސީގެ މަތީ މަޖިލިސް ފެށުން. ފޮޓޯ: ޕީއެންސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 07:59

16 ސެޕްޓެމްބަރު 2026، 07:59

ސަރުކާރާއި ޕީއެންސީގައި އިތުރު އެޖެންޑާއެއް ނެތް ކަމަށާއި، މައިގަނޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކޮށް ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވި، ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި  ވާހަކަފުޅުދައްކަވަމުންނެވެ. 

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، ޕީއެންސީއަކީ ފުރިހަމަ ޒިންމާދާރުކަމާއެކު ސިޔާސަތުތައް ތަންފީޒުކުރާ ޕާޓީއެއް ކަމަށާއި، އެ ޕާޓީން އަބަދު ވެސް އެންމެ އިސްކަމެއް ދޭނީ ޤައުމުގެ މަޞްލަޙަތަށް ކަމަށް ވިދާޅުވެފައެވެ. އަދި ޕީއެންސީ ފަދައިން އެހެނިހެން ސިޔާސީ ޕާޓީތަކުން ވެސް ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ޒިންމާދާރުކަން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ވޭތުވެދިޔަ ތަނުގައި ސިޔާސީ މަޤްޞަދުތަކުގައި ބައެއް ވެރިންނަށާއި ޕާޓީތަކަށް ގޯސްކޮށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި، އެފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ސަރުކާރު އައިއިރު ރާއްޖޭގެ އިޖްތިމާޢީ ޙާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި، ދިވެހިވަންތަކަމާ މެދު ކުރިން އޮތް ފަޚުރުވެރިކަން ވެސް އޮތީ ފަނޑުވެފައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމް ކުރުމުގެ މަތިވެރި އާދަ މުޖުތަމަޢުން އެއްކޮށް ކެނޑިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ.

"އެކަން އެހެން ދާކަމަށްވަންޏާ ކިތަންމެ ވަރުގަދަ އިމާރާތްތަކެއް، ކިތަންމެ ބައިވަރު މަޝްރޫޢުތަކެއް ހިންގިޔަސް އެޔަކުން ނެތޭ ފައިދާއެއް. ބިންގާ އޮތީ ހަލާކުވެފައި. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ފަލްސަފާ އަކީ ވަށާޖެހޭ ތަރައްޤީއެއް. އިންސާނީ ފިކުރު ތަރައްޤީ ކުރުމާއެކީގައޭ އެހެން ތަރައްޤީ ގެނެވޭނީ،" 

ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މުޖުތަމަޢުގެ އިޖްތިމާޢީ ޙާލަތު އިޞްލާޙުކޮށް ރަނގަޅުކުރުމަށް ޓަކައި ތެދުވެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި މިވަގުތު އޮތް ޙާލަތާމެދު ފަރުވާކުޑަކޮށް، އަޅާނުލާ ދޫކޮށްލެވެން ނެތް ކަމަށް ވެސް ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، މިއީ ވަކި ޕީއެންސީއަށް އެކަނި ޙާޞިލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، މި މުހިންމު މަސައްކަތުގައި އެންމެހާ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އޮންނަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450