ކުޅިވަރު
ދިއްދޫއިން ވިކްޓަރީގެ ބޮޑު ލީޑު ގެއްލުވާލި ނަމަވެސް ފޮއިންޓެއް ހޯދޭ ގޮތެއް ނުވި
ގޯލު ކާމިޔާބުކުރުމަށްފަހު ވިކްޓްރީގެ ރިޒްވާން އާއި ގެރޯ އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ދިއްދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި ފޯރިގަދަ މެޗު 4-3 ގެ ނަތީޖާއަކުން ވިކްޓަރީން ކާމިޔާބުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ އަހްމަދު ރިޒްވާން (ރިޒޭ) އެވެ. މިއީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ބޯޅަ ސާފުކޮށްލުމަށް ކުރިއަށް ނުކުތުމުގެ ފައިދާ ނަގައި، ވާތްފަރާތުން ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ރިޒްވާން ފޮނުވާލި ބޯޅައެއް ގޯލަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި މޮޅު ލަނޑެކެވެ.
އޭގެ ދެ މިނިޓް ފަހުން، ރިޒްވާންގެ އެހީތެރިކަމާއެކު ނާއިޒް ހަސަން (ދާދު) ވަނީ ވިކްޓަރީގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީގެ ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ރިޒްވާންއެވެ. މިއީ ދިއްދޫގެ ކީޕަރު ޝިފާން ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ވިކްޓަރީން ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ދިއްދޫ ޓީމުގެ ކުޅުންތެރިން ކުރަމުންދިޔަ ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ނަތީޖާ އެއްވަރުކޮށްފައެވެ. ދިއްދޫގެ ފުރަތަމަ ގޯލު މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޓެޓޭ ގިޑެއޯންއެވެ. މިއީ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކޮލްމަޓޯވް އުގްލީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުން ވިކްޓަރީގެ ކީޕަރު އަބްދުﷲ ޔާމީން ހެދި ގޯހެއްގެ ފައިދާ ނަގައި ދިއްދޫގެ ހުސެއިން ޒިމްޔާން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 82 ވަނަ މިނިޓުގައި ދިއްދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓެޓޭއެވެ. ހާފުގެ މެދެއްހާ ހިސާބުން ޓެޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔާމީން ކުރިއަށް ނުކުމެ ހުއްޓައި އޭނާގެ ބޯމަތިން އޮއްސިގެންނެވެ.
ދިއްދޫއިން މެޗުގެ ނަތީޖާ 3-3 އަށް އެއްވަރުކުރި ނަމަވެސް، އޭގެ މިނިޓެއް ފަހުން ވިކްޓަރީން ވަނީ އަލުން ލީޑު ނަގާފައެވެ. މެޗުގެ 84 ވަނަ މިނިޓުގައި ވިކްޓަރީގެ ފުލްބެކް އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަތް ގޯލާއެކު، ދިއްދޫއަށް މި މެޗުން ޕޮއިންޓެއް ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ގައްދޫ ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީންނެވެ. އެ މެޗު ކުޅުނީ ގައްދޫގައެވެ.