ކުޅިވަރު
ކޮލިފަޔާސް މެޗުގެ ބަލި ހަނދާންތައް ފޮހެލުމަށް ޓީސީން ގައްދޫ ބަލިކޮށްފި
ގައްދޫ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ޓީސީގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ / ފޮޓޯ: އެފްއޭއެމް
ގދ. ގައްދޫގައި ކުޅުނު ދިވެހި ޕްރިމިއަރ ލީގުގެ މެޗުގައި 4-2 ގެ ނަތީޖާއަކުން ގައްދޫ ރެކްރިއޭޝަން ކްލަބް ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ދިވެހި ޕްރިމިއަރ ލީގު ކޮލިފަޔާސްގައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ގައްދޫއެވެ. ނަމަވެސް، މިއަދު ގައްދޫގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކޮށް ޓީސީން މިވަނީ ކޮލިފަޔާސްގައި ލިބުނު ހިތްދަތި ބަލީގެ ހަނދާންތައް ފޮހެލައިފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން އަށްވަނަ މިނިޓުގައި ޓީސީން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަޝްރަފް މުސްތަފާއެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން، މެޗުގެ 12 ވަނަ މިނިޓުގައި އަޝްރަފް ވަނީ އިތުރު ގޯލެއް ޖަހައި ޓީސީގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ ތިންވަނަ ގޯލު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖެސޭ ޑޮއެރާޑޯއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް ގައްދޫ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އުރޯސް ޖެމޮވިޗް ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ހާފުގައި ގައްދޫން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 85 ވަނަ މިނިޓުގައި ޓީސީގެ ޑިފެންސަށް ސާފުކޮށްނުލެވުނު ބޯޅައެއްގެ ފައިދާ ނަގައި އެމެނުއަލް މަކިންޑޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ފަރަގު އެއް ލަނޑަށް ކުޑަކޮށް، މެޗުގެ ފޯރި އިތުރަށް ގަދަކޮށްފައެވެ.
އެހެންނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީން ވަނީ ހަތަރުވަނަ ލަނޑު ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. މި ލަނޑަކީ ގައްދޫގެ ކީޕަރަށް ކުޅުނު ބޯޅައެއް އިޒާން ޝާހިދު ހޯދައި މާޔިޒް ވަހީދުއަށް ދިނުމުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މިއީ ދިވެހި ޕްރިމިއަރ ލީގުގައި މާލެއިން ބޭރުގައި ކުޅުނު ދެވަނަ މެޗެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެ މެޗު ވެސް ކުޅެފައިވަނީ ގައްދޫގައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި ދެ މެޗުން ވެސް ގައްދޫއަށް އަދި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.