ކުޅިވަރު
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ޒޯން މެޗުތައް ކުޅޭ ރަށްތައް ކަނޑައަޅައިފި
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކާފު އަތޮޅު ބުރުގެ މެޗެއް / ފޮޓޯ: ޕީއާރު ނެޓްވޯކް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ މެޗުތައް ކުޅޭ ރަށްތައް ކަނޑައަޅައިފިއެވެ.
މި މުބާރާތުގެ އަތޮޅު ބުރުގެ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް މިހާރު ވަނީ ކުޅެ ނިމިފައެވެ. މިހާތަނަށް ނުކުޅެ ބާކީ އޮތީ ލ. އަތޮޅުގެ ފައިނަލް އެކަންޏެވެ. މުބާރާތް ރޭވިފައިވާ ގޮތުން، އަތޮޅު ބުރުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމު ޒޯން ބުރަށް ކޮލިފައިވާނެއެވެ.
ޒޯން ބުރު އެކަމަށް ޝައުގުވެރިވާ ރަށްތަކުގެ ތެރެއިން ކަނޑައެޅޭ ރަށެއްގައެވެ.
ޒޯން ބުރުގެ މެޗުތައް ކުޅޭ ރަށްތަށް:
- ނޯތު ޒޯން 1 ގެ މެޗުތައް ހދ. ނައިވާދޫގައި،
- ނޯތު ޒޯން 2 ގެ މެޗުތައް ނ. މަނަދޫގައި،
- ސެންޓްރަލް ޒޯން 1 ގެ މެޗުތައް ކ. ހިންމަފުށީގައި،
- ސެންޓްރަލް ޒޯން 2 ގެ މެޗުތައް ދ. ކުޑަހުވަދޫގައި،
- ސައުތު ޒޯން 1 ގެ މެޗުތައް ތ. ތިމަރަފުށީގައި،
- ސައުތު ޒޯން 2 ގެ މެޗުތައް ޏ. ފުވައްމުލަކުގައި
ޒޯން ބުރަށްފަހު، ކޮންމެ ޒޯނެއްގެ ފައިނަލްގައި ވާދަކުރާ ދެ ޓީމު ދެން ނިކުންނާނީ ރީޖަނަލް ލީގަށެވެ. އަދި ގައުމީ ފުޓްސަލް ލީގުގެ ޗެމްޕިއަނުންނަށް ގައުމީ ފުޓްސަލް ލީގުން ޖާގަލިބޭނެއެވެ.
ގައުމީ ފުޓްސަލް ލީގުގައި ވާދަކުރާނީ ކޮންމެ ރީޖަނެއްގެ ޗެމްޕިއަނުންނާއި ކްލަބް މޯލްޑިވްސްގެ ކުއާޓާ ފައިނަލްގައި ވާދަކުރި ޓީމުތަކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލެ ރީޖަނުން މި މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ޓީމެއް ކަމުން، އެ ޓީމު ވަނީ ގައުމީ ފުޓްސަލް ލީގަށް އޮޓޮމެޓިކުން ކޮލިފައިވެފައެވެ.