ކުޅިވަރު

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ނިއުރޭޑިއަންޓު އެންމެ ފަހުން މާޒިޔާ ބަލިކޮށްފި

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ނިއުރޭޑިއަންޓު އެންމެ ފަހުން މާޒިޔާ ބަލިކޮށްފި

މާޒިޔާގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް މަސައްކަޔް ކުރަނީ/ ފޮޓޯ އެފްއޭއެމް

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2026، 01:06

18 ސެޕްޓެމްބަރު 2026، 01:06

ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު، 3-2 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް އޮތް ނާކާމިޔާބީގެ ސިލްސިލާއަށް ނިމުމެއް ގެނެސްފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ސަސްޕެންޝަނެއްގައި އޮތުމަށްފަހު، މިދިޔަ ސީޒަނުގައި އަލުން ފުރަތަމަ ޑިވިޜަނުގައި ކުޅެން ފެށި ފަހުން، މާޒިޔާ އަތުން މޮޅުވުމަށް ނިއުރޭޑިއަންޓުން ކުރަމުންދިޔަ މަސައްކަތް މިހާތަނަށް އޮތީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިދިޔަ ސީޒަނުގެ ލީގުގެ ފުރަތަމަ ކުރިމަތިލުން 2-1 އިން މާޒިޔާ ކާމިޔާބުކުރިއިރު، ދެވަނަ ބުރުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ވަނީ މާޒިޔާ އަތުން ބަލިވެފައެވެ.

މި ސީޒަނުގައިވެސް އެ މަންޒަރު ފެނުނީ އެފަދަ ގޮތަކަށެވެ. ޗެރިޓީ ޝީލްޑް މެޗު 3-3 އިން އެއްވަރުވެ، ޕެނަލްޓީން މާޒިޔާ މޮޅުވިއިރު، މިދިޔަ މަހު ކުޅުނު ކަޕް ވިނާސް ކަޕްގެ ގްރޫޕް ސްޓޭޖް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެ މުބާރާތުގެ ފައިނަލުގައިވެސް އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން މާޒިޔާ ވަނީ ތަށި އުފުލާލާފައެވެ.

ނަމަވެސް، ބުރާސްފަތި ދުވަހުގެރޭގެ މެޗުގައި ނިއުރޭޑިއަންޓުން ވަނީ އެ އުންމީދު ހާސިލުކޮށްފައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އިބްރާހިމް އައިސަމް ޖެހި ލަނޑާއެކު މާޒިޔާ އިން ކުރި ހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުރޭޑިއަންޓުން ނަތީޖާ ހަމަހަމަކުރިއެވެ. ޑޮރިއެލްޓަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އައިސަމް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އަލުން މާޒިޔާއަށް ކުރި ހޯދައިދީފައެވެ. އެހެންނަމަވެސް، އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑާއެކު ނިއުރޭޑިއަންޓުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރިއެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ނިއުރޭޑިއަންޓް މޮޅުކޮށްދިނީ ޑޮރިއެލްޓަންއެވެ. މެޗުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައި މުހައްމަދު ޔަޒްދާން ހުސައިން ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި މި ލަނޑާއެކު، ނިއުރޭޑިއަންޓުން ވަނީ 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ.

ވާދަވެރި މި މެޗުގައި ގިނަ ކާޑުތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މާޒިޔާއަށް ހަތަރު ރީނދޫ ކާޑާއި ދެ ރަތް ކާޑު ދެއްކިއިރު، ނިއުރޭޑިއަންޓަށް ތިން ރީނދޫ ކާޑާއި އެއް ރަތް ކާޑު ދައްކާފައިވެއެވެ.

ފުރަތަމަ ޑިވިޜަނަށް އެނބުރި އައި ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު ގިނަ މެޗުތަކަކުން ބަލިވުމަށްފަހު، މި ހޯދި މޮޅަކީ ނިއުރޭޑިއަންޓަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ދެ މެޗުން މޮޅުވެގެން ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތްއިރު، ދެވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450