ކުޅިވަރު
ހަމަނުޖެހުމުގައި ނިއުގެ ކޯޗަށް ދިން ހަމަލާ ތަހުގީގުކުރުމަށް ހުށަހަޅައިފި
ދިވެހި ލީގުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން / ފޮޓޯ: ޖީލު
ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި ފޯރިގަދަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ތަހުގީގުކޮށްދިނުމަށް އެދި ނިއު ރޭޑިއަންޓުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މައްސަލަ ހުށަހަޅައިފިއެވެ.
ނިއު ރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މެޗުގެ ތެރޭގައި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު، ނިއު ރޭޑިއަންޓުގެ ކޯޗު ފްރާންސިސްކޯ މެނުއަލް ކެއިންޒޯސްއަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅައިދިނުމަށް އެ ކްލަބުން ވަނީ އެދިފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި ފާހަގަކުރެވޭ މި ދެ ޓީމުގެ ކުރިމަތިލުމުގައި ބޮޑު ހަމަނުޖެހުމެއް ހިނގީ މެޗުގެ ފަހު ހާފުގައެވެ. މި ހަމަނުޖެހުމާ ގުޅިގެން މާޒިޔާގެ ހުސެއިން ޝިފާޒް (ޑުންގާ) އަދި ނިއުގެ އިބްރާހީމް މައިސާންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. މީގެއިތުރުން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ކުޅުންތެރިންނަށް ދެއްކި ރަތް ކާޑުތަކާ ގުޅިގެން މެޗުގެ ފަހު 15 ވަރަކަށް މިނިޓު ދެ ޓީމުންވެސް ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
2019 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު، މިދިޔަ ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ނިއު ރޭޑިއަންޓަށް ރޭގެ މެޗަކީ ތާރީޚީ ކާމިޔާބީއެކެވެ. މިއީ އަލުން ޕްރޮމޯޓްވި ފަހުން މާޒިޔާގެ މައްޗަށް އެ ޓީމަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަނުގެ ލީގު ފުރަތަމަ ބުރުގައި 2-1 އިން މާޒިޔާ މޮޅުވި ނަމަވެސް، ދެވަނަ ބުރުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި އެ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ނިއު ބަލިވީ މާޒިޔާ އަތުންނެވެ. މި ސީޒަނުގައިވެސް ޗެރިޓީ ޝީލްޑް މެޗު 3-3 އިން އެއްވަރުވެ، ޕެނަލްޓީން މާޒިޔާ މޮޅުވިއިރު، މިދިޔަ މަހު ކުޅުނު ކަޕް ވިނާސް ކަޕްގެ ގްރޫޕް ސްޓޭޖް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެ މުބާރާތުގެ ފައިނަލުގައިވެސް އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ތަށި އުފުލާލީ މާޒިޔާއެވެ.
ނަމަވެސް، ރޭގެ ފޯރިގަދަ މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި މުހައްމަދު ޔަޒްދާން ހުސައިން ތަނަވަސްކޮށްދިން ފުރުސަތަކުން ނިއު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ޑޮރިއެލްޓަންއެވެ.