ޚަބަރު
ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ފުޑުކޯޓުތައް ހުސްކުރަން އަންގައިފި
ހާބަރު ސަރަހައްދުގެ ފުޑުކޯޓެއް / ފޮޓޯ: ޕީއެސްއެމް
މާލޭގެ ހުޅަނގު ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢަށް އެ ބިން ހުސްކުރުމުގެ ގޮތުން، އެތަނުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.
އެސްޓީއޯއިން އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފޮނުވި ނޯޓިހުގައި ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފުސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ވިޔަފާރިވެރިންނަށް ފޮނުވާނެކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ކުރިން ހުރި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ތަންތަން ނެގުމަށްފަހު، އެތަނުގައި ފުޑް ހަޓްތަކެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ޖުމްލަ 32 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެސްޓީއޯއިން ތަރައްޤީކުރި މި ފުޑްކޯޓުތަކުގައި ޚިދުމަތް ދޭން ފަށާފައިވަނީ 2018 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި އެތަން ރަސްމީކޮށް ހުޅުވާފައިވަނީ އެ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި ޖުމްލަ 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުން އަންނައިރު، މި ތަންތަނުގެ ތެރޭގައި ހިމެނެނީ 1،260 އަކަފޫޓާއި، 960 އަކަފޫޓުގެ އިތުރުން 60 އަކަފޫޓުގެ ޔުނިޓުތަކެވެ.