ޚަބަރު
މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް ފަށައިފި
މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް. ފޮޓޯ: ޕީއެސްއެމް
ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2026 ރަސްމީކޮށް ފަށައިފިއެވެ.
މިއީ އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި، ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) ގެ އެހީތެރިކަމާއެކު މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ހަރަކާތުގައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކާއި، މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގަން ވިދާޅުވީ، ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް، ޑިޖިޓަލް ބަދަލުވުމުގެ ދެން އޮތް މަރުހަލާގައި ގަވާއިދުތަކާއި އޮނިގަނޑުތައް ހަރުދަނާކުރުމާއި، މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިންޓަނެޓްގެ ގުޅުން ގާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނަމަވެސް، ހަމައެކަނި ކަނެކްޓިވިޓީން ހުރިހާ އެންމެންގެ ބައިވެރިވުން ކަށަވަރެއް ނުކުރެވޭނެ. މީހަކަށް އިންޓަނެޓް ލިބުނު ކަމުގައި ވިޔަސް، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ބޭނުންވާ ހުނަރާއި، އެކަށީގެންވާ އަގު އަދި އިތުބާރު ނެތިދާނެ. އެހެންކަމުން ޑިޖިޓަލް ބަދަލުވުން ވާންޖެހޭނީ ހަމައެކަނި އޮންލައިން ކުރުމަށްވުރެ ފުޅާ، މީހުންނަށް ބައިވެރިވެ ކުރިއަރައި ދެވޭނެ ފަދަ ނިޒާމަކަށް،" އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެނުންނާއި، ޒުވާނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ރަށްރަށުގެ މުޖުތަމަޢުތަކުގެ އަޑު މިކަމުގައި އިއްވުމުގެ މުހިންމުކަން ޕެކް ޗުއާން ގަން ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ސަބަބުން ޢާންމު ޚިދުމަތްތަކާއި ތަޢުލީމީ ދާއިރާއަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާއިރު، ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކާއި އޮންލައިން ގެއްލުންތަކުގެ އިތުރުން ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ސަރުކާރާއި، އަމިއްލަ ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެކަޑެމިކް ދާއިރާ އަދި ޒުވާނުން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މި އަހަރުގެ ފޯރަމްގައި ސަރުކާރުގެ މުއައްސަސާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި ތަޢުލީމީ މުއައްސަސާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ ސެޝަންތައް ހުށަހަޅައިދޭނެއެވެ. މި ސެޝަންތަކުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ މުސްތަޤުބަލާއި، ޑޭޓާ ރައްކާތެރިކުރުން، ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން، އޮންލައިން ރައްކާތެރިކަން، އޭއައި ގަވަރނަންސް އަދި އަލަށް އުފެދެމުން އަންނަ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެ