ޚަބަރު
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ އިޞްލާޙު ގެންނަވައިފި
ޕްލާސްޓިކް ފުޅިތަކެއް/ފޮޓޯ: މިހާރު
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ޤަރާރަށް އިޞްލާޙު ގެންނަވައިފިއެވެ.
އެގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން، 1 ޖޫން 2031 އަށް ބަދަލުކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
އަދި މި ލިސްޓުގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން، މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ފަސްކޮށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓު ވެސް ވަނީ އިޞްލާޙުކުރައްވާފައެވެ.
އެހެންކަމުން، މި އިޞްލާޙުތައް (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނުއްވައި، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.