ޚަބަރު
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ ޕްރޮޓޮކޯލެއްގައި ބައިވެރިވުމަށް ނިންމައިފި
ވަޒީރުންގެ މަޖިލިސް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ޙައްޤުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ޕްރޮޓޮކޯލަކީ 5 އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ. މައި މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދީޤުކުރި ނަމަވެސް، މިހާތަނަށް މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ. މިއީ މި މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމުތަކުން އެ ބައެއްގެ އަމިއްލަ އިޚްތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އެކި ނިޒާމުތަކުގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، މި އޮޕްޝަނަލް ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް މީގެ ކުރިންވެސް ރާއްޖެއަށް ލަފާލިބިފައިވެއެވެ.
މި ޕްރޮޓޮކޯލްގައި މައިގަނޑު ދެ ނިޒާމެއް ހިމެނެއެވެ. އޭގެ ތެރެއިން ފުރަތަމަ ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ޙައްޤެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ޙާލަތެއްގައި، އެ ޤައުމަކުން ދާޚިލީގޮތުން ލިބިދޭ ފަރުވާތަކުގެ އިޖުރާޢަތުތަކާއި ޤާނޫނީ މަރުޙަލާތައް ފުރިހަމަކޮށް ނިމިފައިވާނަމަ، އެކަމާގުޅޭ ޝަކުވާ (އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް) އދ. ގެ ކޮމިޓީއަށް ހުށަހެޅުމާ ގުޅޭ ނިޒާމެކެވެ.
މީގެ އިތުރުން، މި ޕްރޮޓޮކޯލްގެ ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، މެންބަރު ޤައުމަކުން މި މުޢާހަދާގައި ބަޔާންކުރާ ޙައްޤަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެ ތުހުމަތަކާ ގުޅިގެން އަމިއްލައަށް އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކަމާބެހޭ ކޮމިޓީއަށް ލިބިގެންދާނެއެވެ.