ޚަބަރު
މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލު މަޖިލީހުން ބަލައިގަނެފި
ރައްޔިތުންގެ މަޖިލިސް---
ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
މި ބިލަކީ "މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.
ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ބައިނަލްއަޤުވާމީ ކަމާގުޅޭ އުސޫލުތަކާއި، އާއްމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރަފްކުރުމެވެ.
މަޖިލީހުން މިއަދު ބަލައިގަތް މި ބިލުގައި، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ އެންމެހައި ޝަރުތުތައް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން، އެފަދަ އަދަބެއް ކަނޑައެޅުމުގެ މަރުޙަލާގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ ޚާއްޞަ އުސޫލުތަކާއި، މަރުގެ އަދަބު ކަނޑައެޅުމުގައި ދަޢުލަތުގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހައި ޒިންމާތަކާއި އިލްތިޒާމުތައް ވެސް ބިލުގައި ވަނީ ތަފްޞީލުކޮށްދީފައެވެ.
ހަމައެއާއެކު، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ލިބިދޭންޖެހޭ ޙައްޤުތަކާއި، އިސްތިއުނާފުގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރުމާ ގުޅޭ މުހިންމު ކަންކަން ވެސް މި ބިލުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމާ ގުޅިގެން، ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.