ޚަބަރު
އިދިކޮޅުން މަސައްކަތްކުރަނީ އިޒްރާއިލް މީހުންނަށް ރާއްޖެއަށް ވަދެވޭނެ މަގެއް ހޯދައިދިނުމަށް: އެމްޕީ ފަލާޙް
އެމްޕީ ފަލާޙް. ފޮޓޯ: މަޖިލިސް އިދާރާ
އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ތެރެއިން އެ މީހުންނަށް ރާއްޖެއަށް ވަދެވޭނެ މަގެއް ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަންގެ އައު ބިލަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، އިމިގްރޭޝަން ގާނޫނު ހަރުދަނާކުރުމަކީ ގައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ގާނޫނުގެ މަގުސަދު ގެއްލި، އޮޅުންބޮޅުން ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި އެންމެ މުހިންމީ ކުރީގެ ގާނޫނު އިސްލާހުކުރުމުގެ ބަދަލުގައި، ޒަމާނާ ގުޅޭ ފުރިހަމަ އައު ގާނޫނެއް އެކުލަވައިލުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުންގެ ވިސްނުން ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ފަލާޙް ތުހުމަތުކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ މައިގަނޑު އަމާޒަކީ އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވުމުގެ ދޮރު ހުޅުވައިދިނުމެވެ.
"އިދިކޮޅު ފަރާތްތަކުން މި ބިލަށް ބަހުސްކުރެއްވިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، މި ސަރުކާރުން އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކޮށްފައިވާ މަނާކުރުމަށް ލުޔެއްދީ، އެ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބޭނެ ގޮތެއް ހޯދުމަށް އެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ މަންޒަރު،" ފަލާޙް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އައު ބިލުގެ މަސައްކަތް ކުރިއަށްދާއިރު، އިސްރާއީލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ސިޔާސީ މަސްރަހުގައި ތަފާތު ޚިޔާލުތަކާއި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.