ކުޅިވަރު
ފީފާ އިސްލާހު ކުރުމާ ގުޅޭ މަޝްވަރާތަކަށް މަރުހަބާ ކިޔާނެކަމަށް އިންފެންޓީނޯ ބުނެފި
ފީފާގެ ރައީސް އިންފެންޓީނޯ---
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ހިންގާ ގޮތް ބޭރުގެ މިނިވަން ފަރާތަކުން މުރާޖައާ ކުރުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފެންޓީނޯ ހުށަހަޅުއްވައި، ފީފާ އިސްލާހު ކުރުމުގެ މަޝްވަރާތަކަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ފީފާ ކައުންސިލްގެ މެންބަރުންނަށާއި، ހުރިހާ ޤައުމީ އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީއެއްގައި އިންފެންޓީނޯ ވިދާޅުވީ، މިނިވަން ފަރާތަކާ ހަވާލުކޮށްގެން ފީފާގެ ކަންކަން މުރާޖަޢާކުރެވިއްޖެނަމަ އެ އިދާރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އަންނަ މަހު ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ބައިވެރިވުން އަދި ޖަވާބުދާރީވުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ރައީސްގެ ދައުރާ ގުޅޭގޮތުން ހުށަހެޅޭ ކަންކަން ވެސް ހިމެނެއެވެ.
އިންފެންޓީނޯ މިފަދަ ހުށަހެޅުމެއް މި ހުށަހެޅުއްވީ، ފީފާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި އަދި ޓިކެޓް ވިއްކުމުގެ ކަންކަން ބަލަހައްޓަން އައު ކުންފުންޏެއް އުފައްދައި، އޭގެ 21 އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކުމަށް އެކުލަވާލި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) މަޝްރޫޢާ ގުޅިގެން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕްރެޝަރަށް ފަހުގައެވެ. މި މަޝްރޫޢު މިހާރު ވަނީ ހުއްޓާލާފައެވެ.
އިންފެންޓީނޯގެ ސިޓީގައި ވިދާޅުވެފައިވަނީ، ފާއިތުވި ހަފުތާތަކުގައި އެކި ފަރާތްތަކުގެ އަޑުއެހުމަށް ވަގުތު ދެއްވި ކަމަށާއި، މި އިސްލާހީ މަޝްވަރާތައް ކުރިއަށްދާނީ ކޮންފެޑެރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތަކާއެކު ކަމަށެވެ. އަދި އެފްއެފްއީ ޕްލޭނަކީ ފީފާގެ ކޮންޓްރޯލް ނުވަތަ ކުޅިވަރުގެ ނިންމުންތައް ނިންމުމުގެ ބާރު ދޫކޮށްލުމަށް ހުށަހެޅި ކަމެއް ނޫން ކަމަށާއި، ފީފާގެ މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތަކަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާ އާއި އުތުރު އަދި މެދުތެރޭ އެމެރިކާގެ ކޮންކާކަފް ގުޅިގެން ވަނީ، ފީފާގެ ރިޒާވުން ކޮންމެ މެންބަރު ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށް ޑިމާންޑް ކޮށްފައެވެ. އަދި އެފްއެފްއީ ޕްލޭނާ ގުޅޭގޮތުން ޔޫއެފާއިން ވަނީ އެމެރިކާގެ ކޯޓުތަކުގައި އިންފެންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުމަށް ތައްޔާރުވާން ފަށައި، ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުމަށް ގޮވާލާފައެވެ. ޔޫއެފާގެ މި ފިޔަވަޅަކީ ފީފާއާއި އެ ފެޑެރޭޝަންގެ ލީޑަޝިޕްގެ އަގުވައްޓާލަން ހިންގާ ކެމްޕޭނެއް ކަމަށް ފީފާއިން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭގެ ޗެއަރ އަދި ފީފާގެ ނައިބު ރައީސް ޑެބީ ހެވިޓް ވެސް ވަނީ އެ މައްސަލައިގެ މިނިވަން މުރާޖައާއަކަށް އެދިވަޑައިގެންފައެވެ.
އިންފެންޓީނޯ ވިދާޅުވީ، ކުރިން ހުށަހެޅި ޕްލޭން ކާމިޔާބު ނުވި ނަމަވެސް ފުޓްބޯޅައިގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް އޮތް އަޒުމަކަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ފީފާއަށް އާމްދަނީ އިތުރުކުރެވޭނެ ދެމެހެއްޓެނިވި ގޮތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފީފާގެ ރައީސް ކަމުގެ ހަތަރުވަނަ ދައުރަކަށް އިންފެންޓީނޯ ވާދަކުރައްވަން ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭނާއާ ދެކޮޅަށް ވާދަކުރާނެ ކެންޑިޑޭޓެއް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ސުންގަޑިއަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.