ޚަބަރު
ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު. ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޙާއްސަ މެސެޖުގައެވެ.
މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ، ދެ ޙަރަމްފުޅުގެ ޚާދިމް އަދި، ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި، އެ ގައުމުގެ ޝާހީ ޢާއިލާއަށާއި، ސައުދީ ސަރުކާރުގެ އިތުރުން، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސް ވަނީ، ރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތީ އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ، ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސައުދީން ދެމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، އެ ކަންކަމަށް ޝުކުރުދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅު ނިންމަވާލެއްވީ، މާތް ﷲ ސައޫދީ ޢަރަބިއްޔާ އަމާންކަމާއި ފާގަތިކަން މަތީ ދެމެހެއްޓެވުމަށް އެދި ދުޢާކުރައްވަމުންނެވެ.
On the occasion of the 96th National Day of the Kingdom of Saudi Arabia, I extend my warmest congratulations and sincere felicitations to the Custodian of the Two Holy Mosques, His Majesty King Salman bin Abdulaziz Al Saud, @KingSalman, Crown Prince and Prime Minister, His Royal… pic.twitter.com/kITSWb8Yih
— Dr Mohamed Muizzu (@MMuizzu) September 23, 2026
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. މިއީ މީލާދީން 1932 ވަނަ އަހަރު، ކިންގް އަބްދުލްއަޒީޒް އަލް ސައުދުގެ ޒައާމަތުގައި ނަޖްދާއި ހިޖާޒުގެ ރަސްކަން ގުޅުވާލައި، "ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާ" އުފެއްދެވުމުގެ މުނާސަބަތުގައި ފާހަގަކުރެވޭ ދުވަހެކެވެ.
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 17 މާރިޗު 1981 ގައެވެ. ސިޔާސީ ގުޅުން ޤާއިމުވުމަށްފަހު އެކި ދާއިރާތަކުން ރާޢްޖެއަށް ކުރިއެރުން ހޯދާދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިވަމުންނެވެ.