ޚަބަރު
ރާއްޖެއާއި ބަންގްލަދޭޝްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައިސް އޮފީސް
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާއެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ދެ ބޭފުޅުން މި މަޝްވަރާތައް ކުރައްވާފައި ވަނީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ ތެރެއިން، އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން، ނައިބު ރައީސް ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ނައިބު ރައީސް ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، މި ސަރަޙައްދީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް އެކުވެރިކަމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ވިދާޅުވި ހޫނު މަރުޙަބާއާއި ހެޔޮއެދުންތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އދ. އާއި ބައިނަލްއަޤުވާމީ އެހެނިހެން މައިދާންތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބަންގްލަދޭޝްއިން އުންމީދު ކުރައްވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވެސް ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ނިއުޔޯކުގައި ހުންނަ އދ.ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއަށް އެ މަނިކުފާޏު ވަނީ ޒިޔާރަތްކުރައްވާފައެވެ.