Ads by Farudhun

ޚަބަރު

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް އަދި އިތުބާރުހުރި ރަޙުމަތްތެރިއެއް: ރައީސް

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް އަދި އިތުބާރުހުރި ރަޙުމަތްތެރިއެއް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ސެޕްޓެމްބަރު 2026، 10:33

23 ސެޕްޓެމްބަރު 2026، 10:33

ސަޢޫދީ ޢަރަބިއްޔާއަކީ ހަމައެކަނި ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ނޫން ކަމަށާއި، އެއީ ރާއްޖެއިން ނުހަނު ލޯތްބާއި އިޙުތިރާމް އަދާކުރާ އިތުބާރުހުރި ގާތް ރަޙުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީޢަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ދުރުވިސްނުންފުޅާއި ޙިކުމަތްތެރި ލީޑަރޝިޕްގެ ދަށުން، އެ ޤައުމުން މިއަދު ދެކެމުންދަނީ ތާރީޚީ ބަދަލުތަކެއް ކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމާއި، އައު އީޖާދުތަކާއި، ޢުމްރާނީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ސަޢޫދީން ހޯދަމުންދާ ކާމިޔާބީތަކަކީ މުޅި ދުނިޔެ ޝައުޤުވެރިކަމާއެކު ބަލައިގަންނަ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަމާއި ގުޅުންތައް ބަދަހިކުރުމުގައި ސަޢޫދީން އަދާކުރާ މުހިންމު ދައުރަށްވެސް ރައީސް ތަޢުރީފު ކުރެއްވިއެވެ.

"ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ވަނީ ސާބިތުކަމާއެކު ދެމިއޮވެފައި. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް އެ ޤައުމުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އަބަދުވެސް ނުހަނު ޝުކުރުވެރިވަން."

ރައީސް ވިދާޅުވިއެވެ

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ސަޢޫދީގެ ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބް ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު ބައިވެރިވެވަޑައިގެންނެވި ކަމީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޚާއްޞަ އެކުވެރިކަން ރަމްޒުކޮށްދިން ކަމެއް ކަމަށާއި، އެކަމަށްޓަކައި ދިވެހި ރައްޔިތުން ނުހަނު ޝުކުރުވެރިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާކުރާ މުހިންމު ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ޙައްޖާޖީންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ގެނެސްދިން "މައްކާ ރޫޓް އިނިޝިއޭޓިވް" އާއި، ދެ ޤައުމުގެ ދީނީ އަދި އަޚުވަންތަކަމުގެ ގުޅުން ރަމްޒުކޮށްދޭ "ކިންގް ސަލްމާން މިސްކިތް" އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

1978 ވަނަ އަހަރުން ފެށިގެން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީއަށް 488 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ރައީސް ޑރ. މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. މި އެހީތަކަކީ ދަތުރުފަތުރު، ޞިއްޙަތު، މަސްވެރިކަން، އަދި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ މުހިންމު ދާއިރާތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ތަރައްޤީ ކުރުމަށް ސަޢޫދީ ފަންޑުން ދިން 218 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީތެރިކަމާއި، ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ގާތްގަނޑަކަށް 180 މިލިއަން ޑޮލަރުގެ އެކި މަޝްރޫޢުތައް ސަޢޫދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން މިހާރު އެދެނީ ހަމައެކަނި އެހީ ހޯދާ ފަރާތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ސަޢޫދީ ޢަރަބިއްޔާއާ އެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ވަރުގަދަ ބައިވެރިއަކަށް ވުމަށް ކަމަށެވެ.

"ސަޢޫދީ ޢަރަބިއްޔާގެ އިތުރު އިންވެސްޓްމަންޓްތަކަށާއި ތަރައްޤީގެ ބައިވެރިވުންތަކަށް މަރުޙަބާ ކިޔުމަށް ރާއްޖެ މިއޮތީ ތައްޔާރަށް. ސަޢޫދީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް އަޅުގަނޑުމެންގެ އިޤްތިޞާދީ ބަދަލުތަކުގައި ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ މާޙައުލެއް ޤާއިމުކޮށްދީ، ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް އަޒުމް ކަނޑައަޅައިގެން."

ރައީސް ވިދާޅުވިއެވެ.

އެގޮތުން ފަތުރުވެރިކަން، ޢުމްރާނީ ތަރައްޤީ، ބޯހިޔާވަހިކަން، ޞިއްޙީ ދާއިރާ، މަސްވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާތަކުން ސަޢޫދީ އިންވެސްޓަރުންނަށް ރާއްޖޭގައި ބޮޑެތި ފުރުޞަތުތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީ ވިޔަފާރިވެރިންނަށް ރާއްޖޭގައި ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެ ފަހި މާޙައުލަކާއި ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450