Ads by Farudhun

ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ސަޢުދީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ: ސަފީރު

ރާއްޖޭގެ ތަރައްޤީއަށް ސަޢުދީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ: ސަފީރު

ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ސެޕްޓެމްބަރު 2026، 08:50

24 ސެޕްޓެމްބަރު 2026، 08:50

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ސަޢުދީ ޢަރަބިއްޔާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވައިފިއެވެ.

ސަފީރު މި ޔަޤީންކަން ދެއްވީ ސަޢުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު އަލްޤަޙްޠާނީ ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރަށް ވަރުގަދަ އަދި ނަމޫނާ ގުޅުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގައި ސަޢުދީން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން 1978 ވަނަ އަހަރުން ފެށިގެން ސަޢުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ސަފީރު ހަނދާން އާކުރެއްވިއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދަތުރުފަތުރު އަދި އުމްރާނީ ތަރައްޤީގެ އެކި ދާއިރާތަކަށް ސަޢުދީ ފަންޑުން 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން، "ސަޢުދީ ވިޝަން 2030" ގެ ދަށުން އެ ޤައުމުން ހޯދަމުންދާ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ބޭރު ޤައުމުތަކުގައި ސަޢުދީގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި، ޓެކްނޮލޮޖީގެ އިތުރުން މުހިންމު އެހެނިހެން ދާއިރާތަކުން ވެސް ކުރިއަށް އޮތް ތަނުގައި ސަޢުދީގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ސަފީރު ވަނީ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ސަފީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މި ބައިވެރިވެވަޑައިގަތުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450