ޚަބަރު
ހިއްމަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 91 އިންސައްތަ މަސައްކަތް ނިމިއްޖެ
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ކ. ހިއްމަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި ޢަމަލީ މަސައްކަތުގެ 91 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ކ. ހިއްމަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ވެލި އަޅައިގެން ތައްޔާރުކުރާ ބްރޭކްވޯޓަރ ޕްރޮފައިލް ކުރުމުގެ މަސައްކަތައް ކަަމަށް އެމްޓީސީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއަކީ ހިއްމަފުށީގެ ގޮނޑުދޮށް ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ރަށުގެ ގިރާ ސަރަހައްދުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަޝްރޫއުގެ ތެރެއިން ކުރިއަށްދާ ވެލި ފުރާފައިވާ ބްރޭކްވޯޓާ ޕްރޮފައިލްކުރުމުގެ މަސައްކަތަކީ ރަށުގެ ގޮނޑުދޮށަށް އަރާ ރާޅުތަކުގެ ބާރު ކަނޑުވާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތް ނިމުމުން ގޮނޑުދޮށް ގިރުން މަޑުޖެހި، ރަށުގެ ފަސްގަނޑު ހިމާޔަތްވެގެންދާނެއެވެ.
Project Update: Design and Build of Shore Protection Structures at K. Himmafushi
— MTCC Plc (@MTCCPlc) September 23, 2026
Sand filled breakwater profiling work is currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/dFwaLG2EAu
މި މަޝްރޫއުގެ ދަށުން ބްރޭކްވޯޓާ އެޅުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ އެހެނިހެން އިންޖީނިއަރިންގ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމުމުން ހިއްމަފުށީގެ އައްސޭރިފަށުގެ ސަރަހައްދަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދުގެ ސަރުކާރުން ވަނީ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މިގޮތުން، އަންނަ އަހަރުގެ ތެރޭގައި 500 އެއްހާ މަޝްރޫޢު ނިންމުމަށް އަމާޒުހިފައި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ވިދާޅުވެފައެވެ.