Ads by Farudhun

ޚަބަރު

ކޮމްޕިއުޓާ ޓެކްނީޝިއަނުންގެ މުސާރައިގެ މައްސަލަ ބައްލަވައި، ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކޮމްޕިއުޓާ ޓެކްނީޝިއަނުންގެ މުސާރައިގެ މައްސަލަ ބައްލަވައި، ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އަޑު އައްސަވަނީ - ފޮޓޯޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ސެޕްޓެމްބަރު 2026، 10:34

25 ސެޕްޓެމްބަރު 2026، 10:34

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ އައިޓީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓާ ޓެކްނީޝިއަނުންގެ މުސާރައިގެ އޮނިގަނޑަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން، އައިޓީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކު ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަދެއްކި މުވައްޒަފު ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުތަކެއް ގެނެސް ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ކޮމްޕިއުޓާ ޓެކްނީޝިއަނުންގެ މުސާރައަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައި ނުވާތީ އެކަމުގެ ޝަކުވާ ހުށަހަޅާފައެވެ. އެ މުވައްޒަފު ފާހަގަކުރި ގޮތުގައި މުޅި އައިޓީ އިންޑަސްޓްރީ ހިންގުމުގައި ޓެކްނީޝިއަނުން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އެ މީހުންގެ އަސާސީ މުސާރަ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް ވުރެ ވެސް ކުޑައެވެ. އަދި ޕަބްލިކް ސާވިސް ރޭންކް 4 ގެ އޮފިސަރަކަށް ލިބޭ އާމްދަނީ އެލަވަންސްތަކާއެކު ޓެކްނީޝިއަނުންނަށް ވުރެ ބޮޑުކަން ވެސް އޭނާ ހާމަކުރިއެވެ.

މީގެއިތުރުން، ކުރިން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެންމެ ފަހުން ލިބުނު މުސާރައިގައި އިތުރުކޮށްދީފައިވަނީ އެންމެ 100 ރުފިޔާ ކަމަށާއި، އެއީ ޖެއްސުމަކަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮމްޕިއުޓާ ޓެކްނީޝިއަނުންގެ މުސާރަ އެކަށީގެންވާ މިންވަރަކަށް ބޮޑުނުވެ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ހަމަހަމަކަން ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕޭ ފްރޭމްވޯކް އެކުލަވައިލުމުގައި ވަކި ހަމަތަކަކާއި މިންގަނޑުތަކެއް ހުރި ނަމަވެސް، ފާހަގަކުރެވުނު މައްސަލައަކީ ކޮންމެހެން އިސްލާހުކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަން ހިނގާފައިވާ ގޮތް އިތުރަށް ބައްލަވައި، ނޭޝަނަލް ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް މި މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450