Ads by Farudhun

ޚަބަރު

ރަސްމާލެ މަޝްރޫޢުގައި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ: ރައީސް

ރަސްމާލެ މަޝްރޫޢުގައި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުހައްމަދު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ސެޕްޓެމްބަރު 2026، 10:50

25 ސެޕްޓެމްބަރު 2026، 10:50

ރަސްމާލެ ތަރައްޤީ ކުރުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގައި ޤާނޫނުއަސާސީއާ ޚިލާފަށް ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކުރުމުގެ ފުރުޞަތު ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލޭގެ ބިން ވިއްކާލައި، ބޭރު ފަރާތްތަކަށް މިލްކުކޮށްދޭ ކަމަށް ބުނެ ދައްކަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބިން ދޫކުރެވެނީ ޤާނޫނީ އިމުގެ ތެރެއިން ވަކި މުއްދަތަކަށް ކުއްޔަށް (ލީސް އުސޫލުން) ކަމަށާއި، މިލްކުވާ ގޮތަކަށް ނޫނެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާޢިދުތަކުން ބޭރުން އެ ކުންފުންޏަށް އެއްވެސް ލުޔެއް ނުވަތަ ޚާއްޞަ މަންފާއެއް ދީފައި ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީފައި ނުވާނެ ކަމަށާއި، އެއްވެސް ލޯނެއް ނަގާފައި ނުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި އެއްވެސް ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ އިޢާފުކުރުމެއް ވެސް މި އެއްބަސްވުމުގައި ނުހިމެނޭކަން ރައީސް ހާމަކުރެއްވިއެވެ.

"ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ ރާއްޖޭގެ ޤާނޫނު އަސާސީން މަނާކަމެއް. ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއްވެސް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ޤައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުޞަތެއް ނުދޭނަން. އެގޮތަށް ރާވާފައިވެސްވަނީ."

ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ބައެއް ސިޔާސީ ފަރާތްތަކުން މި މަޝްރޫޢުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކުރަނީ ޤައުމަށް ފައިދާވާނެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އައުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ކަމަށެވެ. ޤައުމަށް ފައިދާހުރި ކަންކަން ކޮންމެ ސަރުކާރަކުން ކުރި ނަމަވެސް އެކަންކަމަށް މަރުޙަބާ ކިޔުމުގެ ވިސްނުން އިސްކުރަންޖެހޭ ކަމަށާއި، ސިޔާސީ މަންފާއަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


"ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް."

ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގައި ކުރިއަށްގެންދާ "އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ" މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ އަގުހުރި، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ސީދާ ބޭރުގެ އިންވެސްޓްމަންޓެވެ (އެފްޑީއައި). ރައީސް ވިދާޅުވީ، މި ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އިތުރުވެ، އިޤްތިޞާދީ، އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ދިވެހިރައްޔިތުންނަށް އޭގެ އެދެވޭ ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، އެއްވެސް ހުރަހަކަށް ބެލުމެއްނެތި މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450