ކުޅިވަރު
ދުވާފަރުން ފުރަތަމަ ހާފު ކާމިޔާބުކުރި ގޯލުތަކާއެކު އޭދަފުށި ބަލިކޮށްފި
އޭދަފުއްޓާއި ދުވާފަރު ކުޅުނު މެޗުގައި އިޝާން ބޯޅަހިފަހިގެން / ފޮޓޯ: ޕީއެސްއެމް
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ހުކުރު ދުވަހު ފަށާފައިވާއިރު، ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުން 2-1 އިން އޭދަފުށި ބަލިކޮށް ދުވާފަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ދުވާފަރު މި މުބާރާތުގެ ޒޯން ބުރަށް ކޮލިފައިވީ ރ. އަތޮޅު ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ޓީމު އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 3-1 އިން އިނގުރައިދޫ ބަލިކުރުމަށްފަހުއެވެ. އަނެއްކޮޅުން، އޭދަފުށި ޒޯން ބުރަށް ދަތުރުކުރީ ބ. އަތޮޅު ބުރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.
މެޗު ފަށައިގެން މޮޅު ކުޅުމެއް ދެއްކި ދުވާފަރުން ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަނާން އަލީއެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 14 ވަނަ މިނެޓުގައި މުސްލިމް މުޙައްމަދު ވަނީ އިތުރު ގޯލެއް ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދުވާފަރަށް 2-0 ގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފުގައި އޭދަފުށިން ކުޅުން ރަނގަޅުކޮށް، މެޗުގެ 25 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ބައްސާމް މުޙައްމަދު ނަޢީމެވެ. މެޗުގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް އޭދަފުށްޓަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އެގޮތުން އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީ، މުޙައްމަދު ފާސިރު ފޮނުވާލި ނަމަވެސް އެ ފުރުޞަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ލީޑު ދަމަހައްޓައި، ދުވާފަރުން ވަނީ ތިން ޕޮއިންޓާއެކު މުބާރާތުގެ ފެށުން ފުރިހަމަކޮށްފައެވެ.
މި މުބާރާތުގެ ނޯތު ޒޯން 2 ގައި އިއްޔެ ދެ މެޗެއް ކުޅެފައިވާއިރު، އެ މެޗުގައި ހިންނަވަރު ވަނީ މުބާރާތް ބާއްވާ މަނަދޫގެ މައްޗަށް 5-0 ގެ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަދި ދުވަހުގެ ދެވަނަ މެޗުގައި އިނގުރައިދޫން ވަނީ 5-2 އިން ތުޅާދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ.
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕުން ޖާގަ ލިބެނީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ކޮންމެ އަތޮޅެއްގެ ފައިނަލުން ޖާގަ ހޯދާ ދެ ޓީމަށެވެ. ޒޯން ބުރަށްފަހު ދެން އޮންނާނީ ރީޖަނަލް ބުރެވެ. އަދި އެއަށްފަހު ގައުމީ ފުޓްސަލް ލީގު ފެށޭނެއެވެ.