ޚަބަރު
މ. މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި
މ. މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައި ޤާއިމުކުރި ކަނދުފަތި. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
މ. މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ދޮށީ ކަނދުފަތީގެ ނަންބަރަކީ K10D01-01 އެވެ. އަދި މި ކަނދުފަތި ޤާއިމުކޮށްފައިވާ ލޮކޭޝަނަކީ 2°50.550N 73°47.650E މިއެވެ.
މި ކަނދުފަތިތައް ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން، ކަނދުފަތި އެޅުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހިންގާ މަޝްރޫޢެކެވެ. ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކަނދުފަތިތައް ބެހެއްޓުމުގެ އިންތިޒާމުތައް ވުޒާރާއިން މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ ވުޒާރާއިން ވަނީ ފަށާފައެވެ.