ޚަބަރު
ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދާނަމަ ފިޔަވަޅު އަޅާނެ
ސިނަމާލެ ބްރިޖު. ފޮޓޯ: ފުލުހުން
ސިނަމާލޭ ބުރިޖުގެ އެއާޕޯޓާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ބައެއް ފަރާތްތަކުން އެގޮތަށް ބުރިޖު ހުރަސްކޮށް ހުޅުލެ އަދި ހުޅުމާލެއަށް ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭއާ ގުޅޭ ޓްރެފިކް ލައިޓު ހިމެނޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ބުރިޖުގެ ވޯކްވޭ ލައިޓާއި ހިސާބުން ބަންދުކޮށްފައެވެ.
ބުރިޖު ހުޅުވި ދުވަހުން ފެށިގެންވެސް ބުރިޖާއި ވީކޮޅުން ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެކަން އާންމުންނަށް އެނގުމަށްޓަކައި އެތަނުގައި ބެރިކޭޑުވެސް ވަނީ ބަހައްޓާފައެވެ. ނަމަވެސް އެ ބެރިކޭޑުތައް ހުރަސްކުރާކަން ފާހަގަކުރެވިފައިވާކަމަށާއި، އެގޮތަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.
— Maldives Police (@PoliceMv) September 26, 2026
⭕ އިތުރު ތަފުސީލު: https://t.co/ZDG3qV0reB pic.twitter.com/eutbVYflEp
އެގޮތަށް ޢަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، އެ ސަރަޙައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
ކަސްރަތު ކުރުމަށާއި ހަވީރާއި ރޭގަނޑުގެ ގަޑިތަކުގައި ހިނގާލުމަށްޓަކައިވެސް، އާންމުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ބުރިޖު މަތީގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އެގޮތަށް އުޅޭއިރުވެސް ބުރިޖާއި އަދި އެސަރަޙައްދުގައި ހަރުކުރެވިފައިވާ ނިޝާންތަކަށް ބޯލެނބުމަކީ މުހިއްމުކަމެކެވެ.
އާންމު ސްޕީޑަށްވުރެ ބާރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނަ ބުރިޖާއި ހައިވޭގައި ފައިމަގުގައި އުޅުމަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެދާނެކަންކަމެވެ. އެހެންކަމުން ކަސްރަތަށް ނިކުމެ އުޅުމުގައިވީނަމަވެސް ބުރިޖު ހުރަސްކޮށް ހުޅުމާލެއާއި ވީފަޅިއަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫނެވެ.