ޚަބަރު
ކުރިއަށް އޮތްތަނުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ނިމޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ
ކުރިއަށް އޮތްތަނުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ވަނީ ހުއްޓިފައިކަން ފާހަގަކުރައްވާފައެވެ. އެކަން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ފާހަގަވިކަމަށާއި، ވަރަށް ގިނަ ރަށް ރަށުގެ އަސާސީ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ ތެރެއިން ގިނަ މަޝްރޫއުތަކުގައި ކުރީ ސަރުކާރުން ސޮއިކޮށްފައި ވަނީ ބަޖެޓުން މަޝްރޫއުތަކަށް ޖާގަނުދެނީސް ކަމަށާއި، 2024 ވަނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިޔައިރު، ބަޖެޓު ފާސްވެގެން ދިޔައީ އެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އޭރު އޮތް މަޖިލީހަކީ އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހަކަށްވުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މަސައްކަތްތައް ކުރިއަށްގެންދަން ފެށުނީ، 2025 ވަނަ އަހަރު ކަމަށާއި، ނަމަވެސް މި އަހަރު މެދު އިރުމަތީގެ ހަނގުރާމަ ފެށުމާއި ގުޅިގެން މަޝްރުއުތައް މަޑުޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މިހާރު މަސައްކަތްތައް ފަށައިގަނެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖުމްލަކޮށް ދަންނަވަންޏާ، ފެނާއި ނަރުދަމާގެ މައްސަލަތައް ވެސް، މި އަހަރުގެ ކުރިއަށް އޮތް 3 މަހާއި، 2027ގެ ތެރޭގަ ކުރިއަށް ގޮސް ގިނަ ރަށްތައް ނިމޭނެ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް ނުގޮސްހުރި ގިނަ މަޝްރޫއުތަކެއް އެމްޑަބްލިޔުއެސްއީއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ވެސް ދަތިތަކެއްހުރި ކަމަށެވެ.
"އެހެންވީމަ، މި ހުރިހާ ދަތިކަމެއް ފިލުވާލައިގެން، އެމްޑަބްލިޔުއެސްއީގެ ވެސް ކެޕޭސިޓީ މަތިކޮށްދީ، މިކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެން މި ކުރަނީ."
ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ތެރޭގައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށާއި، ކުދިކުދި މަޝްރޫއުތައް މިހާރު ވެސް ހަލިވިކަމާއެކު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.