ޚަބަރު
މިހާތަނަށް ހެލްޕްލައިން އަށް 23،000 އަށްވުރެ ގިނަ ކޯލް ލިބިފައިވޭ: ޤީލާ
ވަޒީރު ޤީލާ. ފޮޓޯ: ޞިއްޙީ ވުޒާރާ
ކޯލް ސެންޓަރ އަށް ލިބޭ ކޯލްތަކުގެ އަދަދަށް ބަލާއިރުގައި، ރައްޔިތުންގެ މެދުގައި ނަފްސާނީ ސިއްހަތު އޮތް މިންވަރު އެނގިގެން ގޮސްފައިވާކަމަށާއި، އެކި އުމުރު ފުރާތަކުގައި އެކި މިންވަރަށް މިކަން އޮތް މިންވަރު އެނގިގެން ގޮސްފައިވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހެލްޕްލައިންއަށް އެހީއަށް އެދި ގުޅުއްވާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓި އެބަޔަކީ ކޮބައިކަން ސިއްރުކުރެވިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ހެލްޕްލައިނަށް ރައްޔިތުންގެ އިތުބާރު އޮތްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދާ ހިސާބަށް އަޅުގަނޑުމެންގެ ހެލްޕްލައިނަށް 23،000 އަށްވުރެ ގިނަ ކޯލް ލިބިފައިވޭ. މިއީ މިކަމަށް ރައްޔިތުން އެދޭ އެދުން، ރައްޔިތުން ބޭނުންވާ މިންވަރު ހާމަކުރެވިގެންދާ އެއް ކަން"
ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ނަފްސާނީ ސިއްހަތަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ދިރާސާއެއް މިހާތަނަށް ކުރެވިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މިކަމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މިހާރުވެސް ރައްޔިތުންނާއި ހަމައަށް ކޯލްސެންޓަރ މެދުވެރިކޮށް ލިބޭ މައުލޫމާތުގެ މައްޗަށް ބަލާފައި ފޯރުކޮށްދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނަފްސާނީ ސިއްހަތުގެ ދާއިރާއިން ޑޮކްޓަރުންނާއި، ކައުންސިލިންއާ ހިސާބަށް ލިބޭ މައުލޫމާތަށް ބަލާފައި އެހީ ފޯރުކޮށްދެމުންދާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި މިކްސް ސާރވޭއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާފައިވާކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ. އެގޮތުން، މި މިކްސް ސާރވޭގެ ތެރޭގައި ނަފްސާނީ ސިއްހަތާއި ގުޅޭ މައުލޫމާތުތަކެއް އެއް ކުރެވި، އެއީ ދިރާސީ މައުލޫމާތުތަކެއްގެ މައްޗަށް ކުރިއަށް އޮތްތަނުގައި ޚިދުމަތްތައް ބައްޓަން ކުރެވިގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިއަދުގެ ފޯކަސްއަކީ އެ ސާރވޭގެ ދިރާސާގެ ތެރެއިން ނަފްސާނީ ސިއްހަތާއި ގުޅުންހުރި މުހިއްމު މައުލޫމާތެއް އެއްކުރެވިގެންދާނެ. ދިރާސާއެއްގެ މައްޗަށް ކުރިއަށް އޮތް ތަނުގައި ޚިދުމަތްތައް ފުޅާކުރެވި ކުރިއަށް ގެންދެވޭނީ"
ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ނަފްސާނީ ސިއްހަތުގެ ދާއިރާއަކީ މިއަދު ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ދާއިރާ ކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މިދާއިރާ އިތުރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
1677 މި ހެލްޕްލައިން މެދުވެރިކޮށް މެދުކެނޑުމެއް ނެތި އެހީ ފޯރުކޮށްދެމުންދާކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އެގޮތުން މިކަމަށް ހާއްސަ ދިރާސާއެއް މިހާތަނަށް ކޮށްފައިނުވި ނަމަވެސް މި ހެލްޕްލައިން މެދުވެރިކޮށް ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.