ޚަބަރު
މެލޭޝިއާ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓްގައި ކާރަށް ގެއްލުން ލިބިފައި. ފޮޓޯ:ސޯޝަލް މީޑިއާ
މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، އެ ގައުމުގައި މަތީ ތައުލީމު ހާސިލްކުރަމުންދިޔަ އިމީލީ ނިޔާވީ، "ގްރެބް" އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ޓެކްސީގައި ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ ހައިވޭއެއްގެ ޓޯލް ފީ ނަގާ ބޫތުތައް ކައިރިންނެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށްތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.
— Dr Mohamed Muizzu (@MMuizzu) October 5, 2026
ހާދިސާ ހިނގި ގޮތުގެ ސީސީޓީވީ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހުން ދަތުރުކުރި ކާރު ގޮސް އެހެން ކާރެއްގެ ފަހަތުގައި ޖެހި، އަނެއްފުށަށް ފުރޮޅާލައެވެ.
މި އެކްސިޑެންޓުގައި އިމީލީގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭނާ ނިޔާވީ އެކްސިޑެންޓްވި ސަރަހައްދުގައެވެ. ނަމަވެސް، މި ކާރުގައި އޭނާއާއެކު ދަތުރުކުރި އަނެއް ދިވެހި އަންހެން ދަރިވަރުގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.