ޚަބަރު
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
ރައީސް އޮފީސް... ފޮޓޯ: ދަޕްރެސް
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން މިކަން މިއަދު ވަނީ އިޢުލާންކުރައްވާފައެވެ.
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" އުފައްދަވާފައިވާ އަތޮޅުތައް:
1. ހއ. އަތޮޅު
2. ހދ. އަތޮޅު
3. ށ. އަތޮޅު
4. ނ. އަތޮޅު
5. ރ. އަތޮޅު
6. ބ. އަތޮޅު
7. ޅ. އަތޮޅު
8. ކ. އަތޮޅު
9. އއ. އަތޮޅު
10. އދ. އަތޮޅު
11. ވ. އަތޮޅު
12. މ. އަތޮޅު
13. ފ. އަތޮޅު
14. ދ. އަތޮޅު
15. ތ. އަތޮޅު
16. ލ. އަތޮޅު
17. ގއ. އަތޮޅު
18. ގދ. އަތޮޅު
ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައިވާގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.
މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ވަނީ ހިމަނުއްވާފައިއެވެ.