ޚަބަރު
ނަފްސާނީ ޚިދުމަތްތައް ބައްޓަންކުރާނީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް: ރައީސް
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ބައްޓަންކުރާނީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖުގެ ޒަރިއްޔާއިންނެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، އޯގާތެރި، މީހުންނަށް ވާސިލުވެވޭ އަދި އަދުލުވެރި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ އަޒުމު އައުކުރައްވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމު ބައްޓަންކުރެވޭނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙަޤީޤީ ތަޖުރިބާތަކުގެ އަލީގައި ރައްޔިތުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތަށެވެ.
މި ވަޢުދު ފުރިހަމަކުރެއްވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 'މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029' ގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އިތުރުން، ޤައުމީ ނަފްސާނީ ޞިއްޙަތުގެ ސިޔާސަތެއް އެކުލަވައިލުމާއި ފުރިހަމަ މެންޓަލް ހެލްތު ޤާނޫނެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން، ޕްރައިމަރީ ހެލްތުކެއަރގެ ތެރެއަށް ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ލާމެހިގެންދާނެހެން ހަމަޖެއްސުމާއި، ސަރަޙައްދީ ފެންވަރުގައާއި ސްޕެޝަލިސްޓް ފެންވަރުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ޓެލެ-މެންޓަލް ހެލްތާއި ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި އިޖާބަދޭ ނިޒާމުތައް ފުޅާކޮށް، ޚިދުމަތްތައް ލިބިގަތުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
On #WorldMentalHealthDay, we reaffirm our commitment to building a compassionate, accessible and equitable mental health system, guided by the voices and lived experiences of those it serves, and tailored to the needs of our people. We are advancing this commitment through the Mental Health Strategic Action Plan 2025–2029, while working on policy and legislative reforms that include formulating a National Mental Health Policy and a comprehensive Mental Health Act. We are also improving access by integrating mental health into primary healthcare, strengthening regional and specialist services, and enhancing tele-mental health and crisis response systems. Our aim is to prioritise prevention and early intervention, ensure quality healthcare is within reach, and build a kinder and caring Maldives, one island, one community, and one honest conversation at a time. #WorldMentalHealthDay
— Dr Mohamed Muizzu (@MMuizzu) October 10, 2026
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިތަކުން ރައްކާތެރިވުމަށާއި ކުރީބައިގައި ފިޔަވަޅު އެޅުމަށް އިސްކަންދިނުމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ މަގު ކަށަވަރުކުރުން ކަމަށެވެ. އަދި ކޮންމެ ރަށަކުންނާއި މުޖުތަމަޢަކުން ފެށިގެން، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.