ޚަބަރު
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިންނަށް ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން. ފޮޓޯ؛ ރައީސް މުޢިއްޒު
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރާފައިވާ ކަމަށެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް އަށް މިއަދު ވަނީ ފުރާފައި. މި ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނޭ. މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދެން!
— Dr Mohamed Muizzu (@MMuizzu) October 12, 2026
މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ކޯހެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ޢަޤީދާ ވަރުގަދަ، ރޫޚާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚުލާޤާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް ތަޢާރަފްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.