ޚަބަރު
ޒަމާނީ ޓެކްނޮލޮޖީއާއެކު ދަނޑުވެރިންނަށް ނަފާ އިތުރުކޮށްދިނުމަކީ އަޅުގަނޑުގެ އަޒުމެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފިސް
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭ ގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށް ޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށް ޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، ސަރުކާރުގެ ޢަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދަނޑުވެރިންނަށާއި ދަނޑުވެރި ޢާއިލާތަކަށް، އަދި މި ސިނާޢަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް. އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް. ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ. ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއްވެސްމެ. ސަރުކާރުގެ ޢަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން. މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އަޅުގަނޑުގެ ޢަޒުމެއް. ދަނޑުވެރިންގެ ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި މިސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން، އިޚުލާޞްތެރިކަމާއެކު ދަންނަވަން.
— Dr Mohamed Muizzu (@MMuizzu) October 15, 2026
ދިވެހިރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތުކުރުމަށް ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވައި، ޒަމާނީ ވަސީލަތްތަކާއެކު ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ރާއްޖޭގައި ކުރިއެރުވުމަށް ބާރުއެޅުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަޤްޞަދެކެވެ.