ދުނިޔެ

އިސްރާއީލުން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަލަސްތީނު ކުޑަ ކުދިން ހައްޔަރުކޮށްފި

އިސްރާއީލުން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަލަސްތީނު ކުޑަ ކުދިން ހައްޔަރުކޮށްފި

ޣައްޒާގެ ކުޑަކުދިންތަކެެއް.ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2026، 01:33

15 އޮކްޓޯބަރު 2026، 01:33

އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ 2,000 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ އަސީރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީން ބުނެފިއެވެ.

ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ކުޑަކުދިން ހައްޔަރުކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އަދި މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގެ ދަތި ހާލުގައި މަދުވެގެން 350 ކުޑަކުދިން ބަންދުކޮށްފައި ތިބި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭހުގެ ހަލީލު (ހެބްރޮން) އިން ވެސް އަންގާރަ ދުވަހު މަދުވެގެން ހަ ކުދިން ހައްޔަރުކޮށްފައިވެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ ގަދަކަމުން ގެއްލުވާލުމުގެ ސިޔާސަތާއި، ގެއްލިފައިވާ އެތައް ހާސް މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭތީ، އެ ސަރަހައްދުން ހައްޔަރުކުރި ކުދިންގެ ސީދާ އަދަދު ދެނެގަންނަން ދަތި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލާނެ ތާރީޚެއް ނެތި ކުދިން ބަންދުކުރުމަކީ އާއިލީ އަދި ތައުލީމީ ހަމަޖެހުމުން އެކުދިން މަހްރޫމުކުރާ ބޮޑު ޖަރީމާއެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޖަލުތަކުގައި ކުޑަކުދިންނަށް ބިރުދެއްކުމާއި، އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމުގެ އިތުރުން ބޭސްފަރުވާއިން މަހްރޫމުކުރުން އާންމުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި އޮފަރ ޖަލުގައި ބަންދުކޮށްފައި ހުރި 15 އަހަރުގެ މުހައްމަދު ހާމިދަށް ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހި، އިންފެކްޝަން ބޮޑުވެގެން ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހި، ފަހުން އެއް ފައި ބުރިކޮށްލަން ޖެހުނު ހާދިސާ ހިމެނެއެވެ. އަދި މެގިއްދޯ ޖަލުގައި ހަމަސް ދުވަހު ހުރުމަށްފަހު މަރުވި 17 އަހަރުގެ ވަލީދު އަހުމަދުގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް އިސްރާއީލުގެ ކޯޓުން ވަނީ ހުއްޓުވާލާފައެވެ.

އިސްރާއީލުން ހައްޔަރުކުރި ކުދިންގެ ތެރޭގައި އެމެރިކާގެ ރައްޔިތުކަން އޮންނަ ކުދިން ވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކު އެމެރިކާގެ ޕްރެޝަރާއެކު ދޫކޮށްލި ނަމަވެސް، އެމެރިކާގެ ރައްޔިތުކަން އޮތް އަބްދުލްކަރީމް ސާފީ އަދި 16 އަހަރުގެ އާދަމް ކަރަކްރާ ފަދަ ކުދިން އަދިވެސް ތިބީ އެއްވެސް ދައުވާއަކާ ނުލައި ބަންދުކޮށްފައެވެ. ކަފާލާތުގެ ދަށުން އާދަމް ދޫކޮށްލަން ނިންމި ނިންމުން ވެސް އިސްރާއީލުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

ޕަލަސްޓީނިއަން ޕްރިޒަނާސް ސޮސައިޓީން ވަނީ ކުޑަކުދިން ހައްޔަރުކުރުން ހުއްޓުވުމަށާއި، ޖަލުތަކުގައި ދެމުންދާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އޮކްޓޫބަރު 2023 އިން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭހުން އެކަނިވެސް 25,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450