ޚަބަރު
ގެދޮރު ހެދުމަށް ލޯނު ނަގާއިރު ދައްކަންޖެހޭ އިކުއިޓީއަށް ލުއި ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
"ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑު / ފޮޓޯ: ރައީސް އޮފީސް
ގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް ޚާއްޞަ ސްކީމެއް ތަޢާރަފްކޮށް، އެކަމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ޙިއްސާކުރުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ބިމެއްގައި އިމާރާތެއް އެޅުމަށް ބޭންކު ލޯނެއް ހޯދުމުގައި ދިމާވި ދަތިތައް ރައްޔިތަކު އެމަނިކުފާނާ ހިއްސާކުރުމާ ގުޅިގެންނެވެ. މިކަން ހިއްސާކުރި ފަރާތުން ފާހަގަކުރި ގޮތުގައި، ބޭންކުތަކުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން މިހާތަނަށްވެސް އެ ބިމުގައި ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭންކަށް ދައްކަންޖެހޭ %5 ގެ އިކުއިޓީއަށް ލުޔެއް ހޯދައިދިނުމަށް ޚާއްޞަ ސްކީމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ސްކީމަށް ބޭނުންވާ ފައިސާ މިހާރުވެސް ޓްރަސްޓް ފަންޑުގައި ބަހައްޓާފައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ސްކީމުގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޭ މާލީ އެހީތެރިކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަރާތަކަށްވެސް މި ސްކީމުގެ ދަށުން 2 ލައްކަ ރުފިޔާވަރު ދިނުމަށް ރާވާފައިވާ ކަމަށެވެ. އަދި ބިން ލިބިފައިވާ ފަރާތްތައް އެއްކޮށްލައިގެން މަސައްކަތްކުރާނަމަ، 5 މީހުން ތިބި ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް، ނުވަތަ 3 މީހުން ތިބި ނަމަވެސް އެ މީހުންނަށް ބޮޑު ޢަދަދެއްގެ ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަރަށް ޓާމްސްތައް ލުއިކޮށް މިކަންކުރަންވެގެން މަސައްކަތްކުރަމުން މިދަނީ. ވަރަށް މުހިންމުކަމެއް މިއީ އެކަމު ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓެއް ލިބިފައިނެތް ފަރާތްތަކަށް އިސްކަން ދިނުން. އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް އިސްކަންދިނުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ސްކީމްގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި ޢާންމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގެ މައި ބޯހިޔާވަހިކަމުގެ ސްކީމަށްވެސް ބޮޑެތި ތައްޔާރީތަކެއް ވަމުންދާ ކަމަށާއި، މި ސްކީމްތައް ހުޅުވާލުމުން ގެދޮރު އެޅުމަށް ބޭނުންވެފައި ތިބި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.