Ads by Farudhun

ޚަބަރު

އިޖާދީ ވިސްނުމާއި ތަޖުރިބާއާއެކު އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތައް މަދުކުރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

އިޖާދީ ވިސްނުމާއި ތަޖުރިބާއާއެކު އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތައް މަދުކުރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން އއ. އުކުޅަހުގައި އޮތް ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2026، 09:31

16 އޮކްޓޯބަރު 2026، 09:31

އިޖާދީ އައު ވިސްނުންތަކާއި، ރާއްޖޭގެ އުފެއްދުންތެރިންގެ ޢިލްމާއި ތަޖުރިބާ އެއްކޮށްލައިގެން މަސައްކަތްކޮށްފިނަމަ، އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ. 

މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރު ކަމަށްވާ "އިންނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަނޑައަޅައިދޭނެ ކަންކަން ކަމަށެވެ. އަދި އައު އީޖާދުތަކަށް އިންވެސްޓްކޮށް، ޤައުމުގެ އެތެރޭގެ އުފެއްދުންތެރިކަން ފުޅާކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި އެންމެންނަށް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި، އިޖާދީ، ދެމެހެއްޓެނިވި އަދި ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.



ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ރާއްޖެއަށް، ޤައުމީ ފެންވަރުގައި ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ގޮވާލައްވާފައެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމާއި، މަސް ރައްކާކުރާ އަދި ޕްރޮސެސްކުރާ އިންފްރާސްޓްރަކްޗަރ ފުޅާކުރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ރަށްރަށުގައި ދަނޑުވެރިކަމުގެ މަޝްރޫޢުތައް ފަށައި، ލިބެންހުރި ބިންތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން ތާޒާ މޭވާ އާއި ތަރުކާރީ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރުވައި، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކޮންމެ ޢާއިލާއަކަށްވެސް ފައިދާހުރި، ހެޔޮއަގުގައި ލިބޭ ކާބޯތަކެތި ކަށަވަރުކޮށްދިނުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450