ޚަބަރު
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ވެސް ހަމަހަމަ ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެއްޖެ
"ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ވެސް މި ސަރުކާރުން ހަމަހަމަ ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމްގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިއަކު އެފަދަ ކުދީންނަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ހިއްސާކުރި ވާހަކަތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި އެ ބެލެނިވެރިޔާ ފާހަގަކުރި ގޮތުގައި، އޭނާގެ ދަރިފުޅަކީ ވަރަށް ރީއްޗަށް ކުރަހާ، އުފެއްދުންތެރި ހުނަރެއް ލިބިފައިވާ ކުއްޖެއް ނަމަވެސް، މުޖުތަމަޢުގެ ތެރެއިން އެފަދަ ކުދީންނަށް ކުރިއަށްދާނެ އެކަށީގެންވާ އެއްވެސް ފުރުސަތެއް ނުލިބެއެވެ. ޚާއްސަކޮށް، ސްކޫލު ނިމުމަށްފަހު އެ ކުދިންގެ ކިބައިގައި ހުންނަ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ދިރިއުޅުމުގައި ކުރިއަށްދެވޭނެ އެއްވެސް މަގެއް ފަހިވެފައި ނޯންނަކަން އޭނާ ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.
މި ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަކީ ވެސް މުޖުތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ ބައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލައި، ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، އެ ބެލެނިވެރިޔާގެ ދަރިފުޅުގެ ހުނަރު މުޖުތަމަޢަށް ދައްކައިލެވޭނެ ގޮތްތަކާއި، އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ކުރީގެ ބައެއް ބައްދަލުވުންތަކުގައި ވެސް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްޤުތަކާއި، އެ ކުދިން ތަޢުލީމީ އަދި އިޖުތިމާޢީ މާޙައުލަށް ނެރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައެއް ބެލެނިވެރިން ވަނީ ރައީސްގެ ސަމާލުކަމަށް ކަންކަން ގެންނަވާފައެވެ. އެފަދަ ހުރިހާ ކަންބޮޑުވުންތަކަކަށް ދާއިމީ އަދި ހަރުދަނާ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.