ޚަބަރު
އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ރަސްމާލެއިން އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރާ ސަރަޙައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށާއި، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެތަނުން ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އަދި އެ ސަރަޙައްދުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަޙައްދު ކައިރީގައި ބިދޭސީ އާބާދީއެއް އުފެދުމާއި، އެތަނުގައި އެހެން ދީންތަކަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި މަސައްކަތްކުރާ ބިދޭސީންނަށްވެސް ފާޅުގައި އެހެން ދީންތަކުގެ އަޅުކަންކުރުމުގެ ފުރުޞަތު ނޯންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގައިވެސް ހުންނާނީ މިސްކިތްތައް އެކަނި ކަމަށެވެ.
ރިސޯޓުތަކުގައި ފަތުރުވެރިން ތިބޭ. އެތަންތަނުގައެއް ނުހުރޭ އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް. މިސްކިތް ހުންނަނީ. ރަސްމާލޭގައިވެސް މިސްކިތް ހުންނާނީ. ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތުގެ އާބާދީއަށް ބެލިކަމުގައިވިޔަސް، މިއީ އަދި މާބޮޑު އާބާދީއެއް އެކިކަންކަމުގައި އުޅޭ. އެންމެ ބޮޑު އާބާދީއެއް އުޅެނީ މާލެ ސަރަހައްދުގައި. ލައްކައެއް ދެ ލައްކައެއްހާ ބިދޭސީން އެބައުޅޭ މާލޭ ސަރަހައްދުގައި، މިކަމަށް ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން ރިއާޔަތެއް ނުކުރޭ،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
މީގެއިތުރުން، ރަސްމާލޭގައި ތަރައްޤީކުރާ ސަރަޙައްދުގައި ބޭރުގެ ބަޔަކު ދާއިމަށް ވަޒަންވެރިވެ، ސްކޫލްތައް ހަދައި، އެހެން ދީންތަކުގެ ބިނާތައް ހަދާނެ ކަމަށް ދެކެވޭ ވާހަކަތައްވެސް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެ މަޝްރޫޢުގެ ތެރެއިން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމަށާއި، އެތަން ބަލަހައްޓާނީ ދިވެހި ފުލުހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކުން އަދި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނެ. އެތަންތަނުގައި އެފަރާތްތަކުގެ ދީނީ އެއްވެސް ކަހަލަ ކަމަކަށް ފުރުސަތު ނޯންނާނެ. އެތާކު ނުހުންނާނެ ސްކޫލެއްވެސް. މިވެސް ދައްކާ ވާހަކައެއް. އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ މަރުކަޒެއް،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެކެވެ. މި މަޝްރޫޢުގެ ދަށުން ފެންވަރު ރަނގަޅު މެރީނާއަކާއި، މުނިފޫހިފިލުވުމާއި، ވިޔަފާރި އަދި ސިއްޙީ އެކި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓުގައި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު މިހާރު ވަނީ ސޮއިކޮށްފައެވެ.
ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ރަސްމާލެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބޮޑު ސަރަޙައްދެކެވެ. މި މަޝްރޫޢު ނިމި ބޭނުންކުރަން ފަށާއިރުވެސް އެތަނުގައި ތަންފީޒުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، އިސްލާމްދީނުގެ ހަމަތައް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.