Ads by Farudhun

ޚަބަރު

ސިޔާސަތަކީ ހަމަޖެހުން ދެމެހެއްޓުން، އިންވެސްޓަރުން އަންނަނީ ސުލްހަ އޮތުމުން: - ރައީސް

ސިޔާސަތަކީ ހަމަޖެހުން ދެމެހެއްޓުން، އިންވެސްޓަރުން އަންނަނީ ސުލްހަ އޮތުމުން: - ރައީސް

ޕަލްސްގައި ރައީސުލްޖުމުޙުރިއްޔާ ޑރ މުހައްމަދު މުައިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 އޮކްޓޯބަރު 2026، 04:20

20 އޮކްޓޯބަރު 2026، 04:20

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ލިބުމާއި ފަތުރުވެރިކަން ކުރިއަރައިދިއުމުގެ އަސްލަކީ ޤައުމުގައި އޮތް އަމާންކަމާއި އިސްތިޤްރާރު ކަމަށާއި، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ އެ ހަމަޖެހުން ދެމެހެއްޓެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުންނާއި ޓޫރިސްޓުން ޝައުޤުވެރިވަނީ ޤުދުރަތީ ރީތިކަމާއި ހިތްގައިމު މާޙައުލުގެ އިތުރުން ރާއްޖޭގެ މަސްލަހަތު ރައްކާތެރިވެފައި އޮތުމުން ކަމަށެވެ. އަދި ޤައުމުގައި ދާޚިލީ ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގާނަމަ، އެއްވެސް ފަރާތަކުން މިތަނަށް ޒިޔާރަތް ނުކުރާނެ ކަމަށާއި، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތައް ހިންގުމަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިވަނީވެސް ރާއްޖޭގައި އޮތް މި ދެންނެވި އަމާން މާޙައުލުގެ ސަބަބުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިތާކަށް ނާންނާނެ މިތަނުގައި ހަނގުރާމަ ހިނގާނަމަ ނުވަތަ މިތަނުގައި ދާހިލީ ހަމަނުޖެހުން އޮންނަނަމަ މިތަނަކަަށް ނާންނާނެ ޓޫރިސްޓުންނެއްވެސް އިންވެސްޓަރުންނެއްވެސް. އެހެންވީމާ ރަސްމާލޭގައި މި މަޝްރޫއު ހިންގޭ ސަބަބަކީ، އަދި ހިންގަން ޝައުގުވެރިވާ ސަބަބަކީވެސް އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެހެން އިންވެސްޓަރުންވެސް ރާއްޖެ އަންނާނެ ސަބަބަކީ ރާއްޖޭގައި މިދެންނެވިހެން އޮންނަ ހަމަޖެހުން،"

ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެހައި ސިޔާސަތުތައް ބިނާވެފައިވާ މައިގަނޑު ތިން ތަނބުގެ ތެރެއިން އެއް ތަނބަކީވެސް ހަމަޖެހުމެވެ. އެހެންކަމުން، ޤައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަކީ ވަކިވަކި ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޤައުމުގެ ހަމަޖެހުން ނަގާލުމަކީ އެއްވެސް ދިވެއްސެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ޤައުމުގެ ދުޅަހެޔޮކަމާއި ކުރިއެރުމަށްޓަކައި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަކީ ސަރުކާރުގެ މައިގަނޑު ތަޞައްވުރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 15 އަހަރަކީ ހަމައެކަނި އުމްރާނީ ގޮތުން ތަރައްޤީ ހޯދުމުގެ އިތުރުން، ދިވެހިންގެ މެދުގައިވާ މާތްވެގެންވާ އިސްލާމީ ރިވެތި އާދަކާދަތައް ދިރުވައި، އަޚްލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބިނާކުރެވިގެންދާ މުހިންމު ދުވަސްވަރަކަށް ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450