Ads by Farudhun

ޚަބަރު

ރަސްމާލެއިން ބޯހިޔާވަހިކަން ލިބޭނީ އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް: ރައީސް

ރަސްމާލެއިން ބޯހިޔާވަހިކަން ލިބޭނީ އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޮކްޓޯބަރު 2026، 04:36

20 އޮކްޓޯބަރު 2026، 04:36

ރަސްމާލެއިން ދޫކުރާ ހައުސިން ޔުނިޓުތައް ލިބޭނީ އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން، ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުނިން، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މި ފްލެޓްތައް ދޫކުރާނީ އަތްފޯރާ ފަށުގެ އަގުތަކެއްގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި މިހާރު ވެސް އެކި ކުންފުނިތަކާއި، ބީއެމްއެލް އެފޯޑަބަލް ހޯމް އަދި ހޯމް ލީޒިން ސްކީމް މެދުވެރިކޮށް 3,000 އާއި 4,000 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި ރަސްމާލެއިން ވެސް ފްލެޓްތައް ލިބޭނީ ހުޅުމާލޭގެ މި މަޝްރޫޢުތަކާ އެއްވަރުގެ އަގުތަކެއްގައެވެ. މި ތަންތަން ދޫކުރާނެ އުސޫލުތައް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކަނޑައަޅައި އިޢުލާނުކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް އެއްކަމަކީ، މި ތަންތަން ލިބޭނީ ދިވެހިންނަށް. ދެވަނަ ކަމަކީ، މި ތަންތަން ލިބޭނީ އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށްކަން،" 

ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި، މިހާރު ވެސް ހައުސިން ޔުނިޓެއް ލިބިފައިވާ ނުވަތަ ދިރިއުޅެވޭނެ އެހެން ގޮތެއް ހުރި ފަރާތްތަކަށް މި މަޝްރޫޢުން އިސްކަމެއް ނުދޭނެއެވެ. އޭގެ ބަދަލުގައި އިސްކަންދޭނީ އެއްވެސް ތަނެއް ނެތި، އަލަށް ބޯހިޔާވަހިކަމަކަށް އެދޭ މީހުންނަށެވެ. 

އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގޮތަށް ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިންގެ އިތުރުން ސިވިލް ސާވަންޓުންނާއި އެހެނިހެން މަސައްކަތްތެރިންނަށް ވެސް ފުރުޞަތު ދޭނީ އެ ފަރާތްތަކުގެ ފުރަތަމަ ބޯހިޔާވަހިކަން (ފަސްޓް ހޯމް) ކަމުގައިވާ އުސޫލުންނެވެ.

ރަސްމާލޭގެ 5,000 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ ރައްޔިތުންނަށް އެންމެ އަގުހެޔޮކޮށް، ސޯޝަލް ނުވަތަ އެފޯޑަބަލް ކެޓަގަރީން ދޫކުރާނެ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ނިމި، އޮގަސްޓް އަދި ސެޕްޓެމްބަރު ހިސާބަށް ދާއިރު، ގިނަ ފްލެޓްތަކެއްގެ އަމަލީ މަސައްކަތް ނިމި، ސްޓްރަކްޗަރ އަދި ފިނިޝިންގެ ބޮޑުބައެއް ނިމުމަކާ ހަމައަށް ދާނެއެވެ. އަދި އޭރުން އެ ސަރަޙައްދަށް ބޭނުންވާ އަސާސީ އެހެނިހެން ޚިދުމަތްތަކާއި ވަޞީލަތްތައް ވެސް އިމާރާތްކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450