Ads by Farudhun

ޚަބަރު

ޖީޖީއެސްޓީ އާއި ވިތުހޯލްޑިންގ ޓެކްސް އިތުރުވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ޖީޖީއެސްޓީ އާއި ވިތުހޯލްޑިންގ ޓެކްސް އިތުރުވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މާލީ ވުޒާރާ. ފޮޓޯ:ދަ އެޑިޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޮކްޓޯބަރު 2026، 07:38

21 އޮކްޓޯބަރު 2026، 07:38

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.43 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ލިބިފައިވަނީ 4.09 ބިލިއަން ރުފިޔާއެވެ. ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެސް ޖީ.ޖީ.އެސް.ޓީ އިން ކަމަށްވުމީ، ރާއްޖޭގެ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކްސްގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. 

އެގޮތުން:

  • އިމްޕޯޓް ޑިއުޓީ: 15.2 އިންސައްތަ އިތުރުވެ، 2.79 ބިލިއަން ރުފިޔާ
  • ކޯޕަރޭޓް އިންކަމް ޓެކްސް: 9.2 އިންސައްތަ އިތުރުވެ، 3.01 ބިލިއަން ރުފިޔާ
  • ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސް: 87.8 އިންސައްތަ އިތުރުވެ، 1.39 ބިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 8.8 އިންސައްތަ އިތުރުވެ، 1.55 ބިލިއަން ރުފިޔާ
  • މުދަލުން ލިބުނު އާމްދަނީ: 12.1 އިންސައްތަ އިތުރުވެ، 1.97 ބިލިއަން ރުފިޔާ
  • ހިލޭ އެހީ: 68.1 އިންސައްތަ އިތުރުވެ، 0.52 ބިލިއަން ރުފިޔާ (520 މިލިއަން ރުފިޔާ) 

މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ. 

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 36.39 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތަ އިތުރުވުމެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450