ޚަބަރު
އާސަންދައާއި ސަބްސިޑީ ފަދަ އިޖުތިމާއީ އެހީތެރިކަމަށް ދައުލަތުން ބޮޑު ހޭދައެއްކޮށްފި
ފިނޭންސް މިނިސްޓްރީ ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން، ދައުލަތުން ދޭ އެހީތެރިކަމުގެ ދަށުން އާސަންދައާއި އެކި ބާވަތްތަކުގެ ސަބްސިޑީތަކަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ ތެރެއިން ސަބްސިޑީއަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިން އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ، 1.92 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ހިނގަމުންދާ ޚަރަދުތަކުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރި ހޭދަވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ސިވިލް ސާވިސްއާއި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.1 އިންސައްތަ އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ހަމައެއާއެކު، ދައުލަތުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓަށް ކުރަންޖެހުނު ޚަރަދު 6.6 އިންސައްތަ ދަށަށް ގޮސްފައިވާކަން ވެސް ރިޕޯޓުން ދައްކައެވެ.
ގައުމީ ތަރައްގީއާއި އިގުތިސާދީ ދުވެލި ވަރުގަދަކުރުމަށް ކެޕިޓަލް މަޝްރޫއުތަކަށް ކުރާ ހޭދަވެސް ވަނީ ފުޅާކޮށްފައެވެ. ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ޚަރަދު 38.9 އިންސައްތަ އިތުރުވެ 1.57 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، ބަނދަރުތައް ތަރައްގީކުރުމަށް ކުރި ޚަރަދު 25.5 އިންސައްތަ އިތުރުވެފައިވާއިރު، އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު 27.6 އިންސައްތަ އިތުރުވެ 0.96 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމަށް ކުރި ޚަރަދުވެސް ވަނީ 22.0 އިންސައްތަ އިތުރުވެފައެވެ.
އަދި ދައުލަތުގެ ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު ހުރީ 2.04 ބިލިއަން ރުފިޔާގައެވެ.
15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ.